ޚަބަރު

މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަކީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން، އެކަން ހާސިލުވާނެ - ޑރ. މުޢިއްޒު


ރައީސް ޔާމީންގެ ރިޔަސީ މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަކީ ގެދޮރުވެރިކަމުގެ މައްސަލަ މުޅިން ހައްލުކޮށްދެއްވުންކަމަށާއި، ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގެންފިނަމަ، އެކަން ހާސިލުވާނެކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޕީ.އެސް.އެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ހިންގުންތެރި އަދި ނަތީޖާ ނެރެން ކެރުނު ހަމައެކަނި ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރު ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރަމުންދަނިކޮށް، ހިޔާ އެކޮމްޕްލިޝްޓްގެ ނަމުގައި އެފަދަ ދެވަނަ މަޝްރޫޢެއް ރައީސް ޔާމީން އިޢުލާން ކުރެއްވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ހުޅުމާލޭ 2 ވަނަ ފިޔަވަހި ތަރައްޤީވުމަކުން އެންމެނަށް ބޭނުންވާ ބޯހިޔާވަހިކަމެއް ކަށަވަރެއް ނުކޮށްދެވޭނެކަމަށެވެ.

އަދި ރައީސް ޔާމީންގެ ތަރައްޤީގެ ދުވެލި ކުރިއަރަމުންދާ މިސްރާބަށް ބަލާނަމަ، ގެދޮރުވެރިކަމުގެ މައްސަލަ އެއްކޮށް ހައްލުކޮށްދިނުމަށް މިއީ ބޭނުންތެރި މުހިއްމު މަޝްރޫޢެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ކޮންމެ އަތޮޅެއްގައިވެސް ވެރިކަން ކުރާ ރަށަކީ ސިޓީއެއްގެ ފެންވަރަށް ތަރައްޤީވެގެންދާނެ ތަނެއްކަން މިނިސްޓަރ މުޢިއްޒު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒެއް އޮތީ ގެދޮރުވެރިކަން ހައްލުކޮށްދިނުމަށްކަން ފާހަގަކުރައްވާ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ދެވަނަ ދަޢުރެއްގައި، ސޯޝަލް ހައުސިންގގެ ގޮތުގައި ހިންގާ މަޝްރޫޢުތަކުގެ އިތުރުން، ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށްވެސް ފަންނީގޮތުންނާއި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ގެދޮރު ބިނާކުރުމަށްޓަކާ ބޭންކްތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާއި، އިކުއިޓީ ކޯސްޓް ކުޑަކުރައްވާނެކަމަށާއި، މީގެ ފައިދާ އެތައްގޮތަކުން ރައްޔިތުންނަށް ލިބިގެންދާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އެޅުއްވި އެންމެ ހަރުދަނާ ފިޔަވަޅަކީ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ފޯމް ހުށައަޅާ ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ދިނުމަށް ސަރުކާރުން ނިންމި ނިންމުންކަމަށެވެ. އަދި ރާއްޖެ ތަރައްޤީކުރުމުގެ ހިތްވަރާއި ފަންވަރު ރައީސް ޔާމީންގެ ކިބައިގައި އެބަހުރިކަމަށާއި، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ދިވެހިރާއްޖެއަކީ މުޅި މި ސަރަޙައްދުގައި އޮތް އެންމެ ތަރައްޤީވެފައިވާ ޤައުމަކަށް ހައްދަވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.