ޚަބަރު

ރައީސް ޔާމީން އިންތިޚާބުނުވެއްޖެނަމަ ވަޠަނީފިކުރެއްގެ ބޭފުޅަކަށް ދެން ، ފުރުސަތު ނުލިބިދާނެ - ޑރ.ޝަހީމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިނުގެންފިނަމަ ވަޠަނީ ފިކުރުގެ ބޭފުޅަކަށް ދެން ރާއްޖޭގެވެރިކަމަށް އައުމުގެ ފުރުޞަތެއް ނުލިބިދާނެކަމަށާ މިކަމާ ދިވެހިރައްޔިތުން ވިސްނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ރައީސްޔާމީން ނޫން ބޭފުޅަކު އިންތިޚާބުވެއްޖެނަމަ ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިރުން ހުޅަނގަށް ބަދަލުވާނެކަމަށާ، އޭގެސަބަބުން ރާއްޖޭގައި އޮތް އިސްލާމީ އުސޫލުތަކާއި، ޤައުމުގެ އިސްތިޤުލާލަށްވެސް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު އެބައޮތްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. މިފަދަ ކަމެއް ވިޔަނުދިނުމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަންޖެހޭކަމަށް ޑރ.ޝަހީމް ވިދާޅުވި.

ޕީއެސްއެމްނިއުސްގެ "ތަރައްޤީ އައު ޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ ސަރުކާރެއް ޙިމާޔަތްކުރުމަށްޓަކައި މިހާގިނަ ޢަދަދެއްގެ ދީނީ ޢިލްމްވެރިން ނުކުތް ސަރުކާރެއް މިހާތަނަށް ފެނިފައިނުވާނެކަމަށެވެ. އޭގެސަބަކީ އިސްލާމްދީނާއި ޤައުމިއްޔަތު ޙިމާޔަތްކުރުމަށް ރައީސް ޔާމީން ކުރައްވާފައިވާ މިންނެތް މަސައްކަތްޕުޅުތައްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. މިސަރުކާރު ދިފާޢުކުރެއްވުމަށް ނުކުމެވަޑައިގަތް ދީނީ އިލްމްވެރިންތިބީ މަޤާމުގެ ދަހިވެތިކަމުގައިކަމަށް ބުނެ އިދިކޮޅުފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ.ޝަހީމް ވިޑާޅުވީ މި ޢިލްމުވެރިންނަކީ އެއައްވުރެ މާއިއްޒަތްތެރި އަބުރުވެރި ބައެއްކަމަށެވެ.

ޒުވާނުންނާއި ޢިލްމީ މައިދާނުގައި މަސައްކަތްކުރާ މީހުންނާއި އެންމެހައި ރައްޔިތުންގެ ކިބައިން ރައީސް ޔާމީނަށް ވޯޓުދިނުމަށް ޑރ.ޝަޙީމް ވަނީ އެދިވަޑައިގެންފައެވެ.

ޑރ.ޝަހީމް ހުންނެވީ ރަނގަޅު ފަޑީގައި ނޫންކަމަށް ބުނެ އިދިކޮޅުފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ގޮންޖައްސަވާފައި ޑރ.ޝަހީމް ވިދާޅުވީ އިނދިކޮޅުގައި ތިއްބެވި ބައެއް ދީނީ ޢިލްމުވްވެރިން މިފަދަ ވާހަކަތައް ދައްކަމުންދާއިރު އެބޭފުޅުންގެ ކަނާތްފަރާޓާއި ވާތްފަރާތުގައި ތިއްބެވި ބޭފުޅުންނަކީ ކޮބައިތޯ އަމިއްލަފުޅަށް ވިސްނަވާލަންޖެހޭކަމަށެވެެ. އަދި އެމީހުންނަކީ މިހާތަނަށް ކޮންގޮތަކަށް ޢަމަލުކުރަމުންއައި ބައެއްތޯ ޑރ.ޝަހީމް ސުވާލު އުފެއްދެވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމްވަނީ ދުނިޔޭގައި އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ މީހެއްގެ ޝަޙުސު ކަތިލުންކަމަށާ، މިކަން ހުއްޓުވުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް ތާރީފުކުރައްވައި ޑރ.ޝަހީމް ވިދާޅުވީ، އަބުރުރައްކާތެރިކުރުމުގެ ޤާނޫނު ދަމަހައްޓަންޖެހޭކަމަށެވެ. އެޤާނޫނާދެކޮޅަށް އިދިކޮޅުފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ޑރ.ޝަހީމް ރައްދުދެއްވިއެވެ.