ޚަބަރު

ސިއްރުފެންފުށީގައި ބަހައްޓާފައިހުރި ބުދުތައް ސަލާމަތީ ބާރުތަކުން ނަގައިފި


ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ސިއްރުފެންފުށީގައި ބަހައްޓާފައިހުރި ބުދުތައް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ގޮސް ނަގައި އެތަން ސާފުކޮށްފިއެވެ.

ސިއްރުފެންފުށީގައި ބަހައްޓާފައިވާ ބުދުތައް ނެގުމަށް ޝަރުޢީ ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް އެ ރިސޯޓުން އަމަލުކޮށްފައި ނުވާތީ، ބުދުތައް ނަގައި އެތަން ހުސްކުރުމުގެ މަސައްކަތް ދިވެހި ސިފައިންނާ ގުޅިގެން ފުލުހުން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި މިއަދު ހަވީރު 17:45 ހާއިރު، އެތަނުގައި ހުރި ހުރިހާ ބުދުތަކެއް ނަގައި އެތަންވަނީ ހުސްކޮށްފައެވެ.

ސިއްރުފެންފުށީގައި ބަހައްޓާފައިވާ ބުދުތައް 5 ގަޑިއިރު ތެރޭގައި ނެގުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ އިއްޔެ މެންދުރު އެކެއް ޖެހިއިރުއެވެ. އަދި އެ މުހުލަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ، 7 ދުވަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން އެތަކެތި ނެގުމަށްވެސް ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައިވެއެވެ.

ސިވިލް ކޯޓުގެ އަމުރާއެއްގޮތަށް ސަލާމަތީ ބާރުތަކުންގޮސް އެބުދުތައް މިހާރު ނަގާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި ފެއަރމޮންޓް މޯލްޑިވްސް ސިއްރުފެންފުށީގައިހުރި ބުދުތައް ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައެވެ. ނަމަވެސް ވާހަކަދައްކައިގެންވެސް މިކަމަށް ހައްލެއް ނުލިބުމުން، ޓޫރިޒަމް މިނިސްޓްރީން ފަހުންވަނީ މިމައްސަލަ ފުލުހުންނަށްވެސް ހުށައަޅާފައެވެ.

ސިއްރުފެންފުށީގައި ހުރި ބުދުތައް ސަލާމަތީ ބާރުތަކުން ތަޅާލި މަންޒަރާއި ފޮޓޯތަށް ސޯޝަލް މީޑިއާގައި ޢާންމުކުރުމާގުޅިގެން ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފަށް ކޮށްފައިވާ ކަމަކާ ދެކޮޅަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި މަސައްކަތްކުރި އެއްވެސް ސަރުކާރެއް ނެތްކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. ރާއްޖޭގައި ޤާނޫނާ ޚިލާފަށް ބުދުތަކެއް ބެއްޓުމުން އެބުދުތައް ނަގަން އަންގައި އެކަން ނުކުރުމުން، މި ސަރުކާރުން ވަނީ ކޯޓް އަމުރަކާއެކު ސަލާމަތީ ބާރުތަކުން އެބުދުތައް ނަގާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ސީދާ ސަރުކާރުން އައްޑޫސިޓީގައި ބުދުތަކެއް ބަހައްޓައި، އެ ބުދުތަކާމެދު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެތަކެތި ނެގުމަށް ގޮވާލައި ޝުއޫރު ފާޅުކުރަން ފެށުމުން، އެމްޑީޕީ ސަރުކާރުން ވަނީ ބުދުތައް ޙިމާޔަތް ކުރުމަށް ސަލާމަތީ ބާރުތައް ނެރެފައެވެ. ބުދުތަކަކާމެދު 2 ސަރުކާރުން ކަންކޮށްފައިވާގޮތުން ރާއްޖޭގައި އިސްލާމީ ވަޙްދަތު ދެމެހެއްޓޭނީ ކޮން ސަރުކާރަކަށްކަން ރަނގަޅަށް ހާމަވެގެންދާކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

ސިއްރުފެންފުށީގައި ކޮރަލްއޭރިއަމްއެއް ޤާއިމްކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓަށް ދީފައިވަނީ އިންސާނުންނާއި ކަނޑުގެ ދިރުންތަކާ ހުރިގުޅުން ދައްކުވައިދިނުމަށް އިސްލާމްދީނުގެ އެއްވެސް އަސާސަކަށް ބުރުނާރާނެ ގޮތަކަށް އެތަން ފަރުމާކުރުމަށެވެ. ނަމަވެސް އެތަނުގައި ބުދުތައް ބަހައްޓާފައިވަނީ އެ މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަން ފާހަގަކޮށްލަންޖެހެއެވެ.