ޚަބަރު

ދެ ކޮރެއާގެ ލީޑަރުންގެ އެއްބަސްވުމަށް ޗައިނާއިން މަރުޙަބާކިޔައިފި


އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ އިސްވެރިންގެ ދެމެދު ބޭއްވި ސަމިޓުގައި އެއްބަސްވިކަންކަމަށް ޗައިނާއިން މަރުޚަބާކިޔާ ކަމަށާއި، އެ ޤައުމުން މިކަންކަމަށް އެއްބާރުލުން ދޭނެކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.

މި ހަފުތާގެ އަންގާރަދުވަހުއްސުރެ އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔޭންގައި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިންއާ ދެމެދު ކުރިއަށްގެންދިޔަ ސަމިޓަށްފަހު އުތުރު ކޮރެއާއިން ވަނީ އެ ޤައުމުގައި މިސައިލް އުފައްދާ އެންމެ ބޮޑު ކާރުޚާނާ ރޫޅާލާނެކަމަށާއި، މިކަން ކުރާނީ ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ ކުރިމަތީގައިކަމަށް އެއްބަސްވެފައެވެ.

އެ ޤައުމުގެ ޚާރިޖީ ވަޒީރު ވޭންގް ޔީ ވިދާޅުވީ، ސަމިޓުގައި ދެ ކޮރެއާއިން އެއްބަސްވި ކަންކަމާމެދު ޗައިނާއިން އުފާކުރާ ކަމަށް، މިކަމާ ބެހޭގޮތުން ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ވެއެވެ. އަދި މިކަމުގެ ސަބަބުން ކޮރެއާ ބައްރުގައި ދާއިމީ ގޮތެއްގައި ސުލްޙަ ޤާއިމުކުރުމަށް ފުރުޞަތު ލިބިގެން ގޮސްފައިވާ ކަމަށާއި މި ފުރުޞަތު ގެއްލުވާލައިގެން ނުވާކަމަށް ވެސް ޔީ ވިދާޅުވިއެވެ.

އުތުރު ކޮރެއާއިން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕްލާންޓެއްވެސް ރޫޅާލާނެކަމަށް އެއްބަސްވެފައި އެހެންނަމަވެސް މިކަންކަން ކުރާނީ އެމެރިކާއިން ވެސް ބަދަލުގައި ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.