ޚަބަރު

ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢު ހިނގީ ހަމައެކަނި ރައީސް ޔާމީންގެ ސަރުކާރުގައި- ނައިބު ރައީސް


ރައީސް ޔާމީން ރާއްޖެއަށް ގެނެސްދީފައިވާ ތަރައްޤީއަކީ، މީގެ ކުރީގެ ސަރުކާރުތަކުން ގެނައި ތަރައްޤީއާ ނުބައްދަލު ތަރައްޤީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ހިޔާ-އެކޮމްޕްލިޝްޑް ވިލިމާލެ ދޭއްގެ މާސްޓަރ ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ޖިހާދު ވިދާޅުވީ ވޭތުވެދިޔަ 4 އަހަރާއި ބައިގެ ތެރޭގައި ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ރާއްޖެ ތަރައްޤީ ކުރުމަށް ރައީސް ޔާމީން ގެންގުޅޭ ސިޔާސަތަކީ މީގެ ކުރީގެ ވެރިކަމެއްގައި ގެންގުޅެފައިނުވާވަރުގެ އުންމީދީ ސިޔާސަތުތަކެއްކަން ނައިބްރައީސް ޢަބްދުﷲ ޖިހާދު ވަނީ ފާހަގަކުރައްވާފައެވެ.

"މިވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި އިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގެ ދަށުގައި ރާއްޖެއަށް އައިސްފައިވާ ތަރައްޤީއަކީ މީގެ ކުރީގެ އަހަރުތަކާއި އަޅާ ބަލާއިރު ނުބައްދަލު ތަރައްޤީއެއް. ހަމައެކަނި މާލެއާއި ހުޅުމާލެއާއި ދެމެދުގައި އަޅާފައިވާ ބްރިޖަށް ބަލާލުމުންވެސް މިކަން ޔަޤީންވާނެ" ޖިހާދު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަކީ ޤައުމީ މައްސަލައެއްކަމަށާއި މިމައްސަލަ ހައްލުކުރެއްވުމަށް ބޮޑެތި ގޮންޖެހުންތަކާއެކު ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތް ރައްޔިތުން ބަލައިގަންނަން ޖެހޭކަމަށެވެ.

މިރަސްމިއްޔާތުގައި ވިލިމާލެ 2-ގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހިޔާ އެކޮމްޕްލިޝްޑް މަޝްރުޢުގެ މާސްޓަރ ޕްލޭން ރަސްމީކޮށް އިފްތިތާޙުކޮށްފައިވާއިރު މިއީ ގާތްގަނޑަކަށް ތިންސަތޭކަ ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން އައްޑިހަ ހާސް ފްލެޓާއި ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރުޢުއާއެކު ގުޅީފަޅާއި، ފުށިދިއްގަރުފަޅު ހިއްކައި، ބްރިޖަކުން މާލެއާ ގުޅާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން އެންމެ ފުރަތަމަ ފެށި ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމުގައި ހަތްސަތޭކަ ހަތަރު ފަރާތަކަށް ވަނީ ފްލެޓް ދީފައެވެ.

އަދި 2017ވަނަ އަހަރު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އަމާޒުކޮށްގެން ސަރުކާރުން ހިޔާ މަޝްރުޢުގެ ނަމުގައި އިފްތިތާޙުކުރި، އަށްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތަރު ހައުސިންގ ޔުނިޓަށް އަށާރަ ހާހަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި ހިޔާ މަޝްރޫއާއި ހިޔާ އެކޮމްޕްލިޝްޑް މަޝްރުޢުގެ ކާމިޔާބީއާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން ދަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުންނެވެ.