ޚަބަރު

ރާއްޖޭގައި ޣައިރުދީންތަކުގެ ފޮތްތައް ހިމެނޭ ލައިބްރަރީއެއް ހުޅުވުމަށް ނަޝީދު މަޝްވަރާކުރިކަން ފަޅާއަރައިފި


އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއްގައި ޣައިރުދީންތަކުގެ މައުލޫމާތު ހިމެނޭ ފޮތްތަކާއެކު ރާއްޖޭގައި ލައިބްރަރީއެއް ހުޅުވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޝްވަރާކުރިކަން ފަޅާއަރައިފިއެވެ.

ރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމަށް މަސައްކަތްކުރުމުގެ ކުށުގައި ރާއްޖެއިން ޑީޕޯޓްކޮށްލި ޑޭވިޑް ހާރޑިންގހަމް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުވި ސިޓީއެއް ވަނީ ލީކް ވެފައެވެ. ޑޭވިޑް ހާޑިންގހަމް އިސްކޮށްހުރެ ރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމަށް ފްރެންޑްސް އޮފް މޯލްޑިވްސްގެ ނަމުގައި ޔޫރަޕުގައި ހިންގަމުންދާ ޖަމިއްޔާގެ ލެޓަރހެޑްގައި އިބްރާހީމް މުޙައްމަދު ޞާލިހަށް ފޮނުވާފައިވާ މިސިޓީގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެންމެ އިސް ޕާޓީއަކީ އެމްޑީޕީކަމަށްވުމުން އުފާކުރާކަމަށެވެ.

އެގޮތުން ހުރިހާ ދީނެއްގެ މަޢޫލޫމާތާއި ފޮތް ހިމެނޭގޮތަށް ރާއްޖޭގައި ލައިބްރަރީއެއް ހުޅުވުމަށް 2013 ވަނަ އަހަރު ރައީސް ނަޝީދާ މަޝްވަރާކުރިކަމަށް މި ސިޓީގައި ބުނެފައިވެއެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އަނެއްކާވެސް މިކަމާގުޅޭގޮތުން ނަޝީދާ މަޝްވަރާކޮށްފައިވާކަމަށާއި، މިކަން ޚާއްޞަ ސަމާލުކަމެއްދީގެން ތަންފީޛްކުރުމަށް އިބްރާހީމް މުޙައްމަދު ޞާލިހާ މަޝްވަރާކުރުމަށް ރައީސް ނަޝީދު ލަފާދީފައިވާކަމަށް މި ސިޓީގައިވެއެވެ. އެގޮތުން އިބްރާހީމް މުޙައްމަދު ޞާލިހަށް ވެރިކަން ލިބޭހާ އަވަހަކަށް މިކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް އިދިކޮޅު ކެނޑިޑޭޓާ މަޝްވަރާކުރުމަށް ނަޝީދު ވިދާޅުވިކަމަށް ޑޭވިޑްހާޑިންގހަމް ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

މި މަސައްކަތަށް ބޭނުންވާ ފައިސާދޭނެ ފަރާތްތައްވެސް ނަޝީދާ ވާހަކަދައްކައި އެއްބަސްވިގޮތަށް އިނގިރޭސި ފާދިރީއެއްކަމަށްވާ އެޑްވާރޑް އެޑަވަޑް ރޮބާރޓް އެއްބަސްވެފައިވާކަމަށާއި، ފައިސާގެ ދެންހުރި ބައި ވަރލްޑް ވިޝަން އަދި ކްރިސްޓިއަންދީން ކުރިއަރުވާ ޖަމާޢަތެއްކަމަށްވާ އެވަންޖިލިކަން އެލައިންސް އިން ދޭންވަނީ އެއްބަސްވެފައިވާކަމަށް މި ސިޓީގައިވެއެވެ.

ރާއްޖޭގައި ކްރިސްޓިއަންދީން ފަތުރަން މަސައްކަތްކުރި ޑޭވިޑް ހާރޑިންގހަމް ގެންދަނީ އިދިކޮޅު ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދުކުރާކަން ހާމަކޮށް، ޔޫރަޕްގައި ހުރެގެން އިދިކޮޅު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.