ޚަބަރު

މުރައިދޫ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި


ހއ.މުރައިދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

ހއ.މުރައިދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދައުލަތުގެ ބަޖެޓުން 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ޤާއިމްކުރާ މި ނަރުދަމާ ނިޒާމުގެ މަސަައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މިމަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. އަދި އަލްޓެކް ގެ ފަރާތުން ސޮއިކުރީ މެނޭޖަރ ޕްރޮޖެކްޓްސް އިބްރާހީމް ނަސީމްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ މިމަސައްކަތް އެކުންފުންޏާ ޙަވާލުކުރީ މިނިޒާމު ބެލެހެއްޓުމަށް މީހުން ތަމްރީނުވެސް ކުރާ ގޮތަށްކަމަށެވެ. މިނިސްޓަރ ވަނީ މި މަސައްކަތް ކުރިއަށްގެންދިއުމުގައި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި މަޝްރޫޢާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މި މަޝްރޫޢަކީ މުރައިދޫގެ ރައްޔިތުން ކުރަމުންއައި ދިގު އިންތިޒާރެއް ކަމަށެވެ. އެހެންކަމުން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ އުފާ އެރަށުގެ ހުރިހާ ރައްޔިތުން ކުރަމުންދާކަމަށެވެ. މި މަސައްކަތް ކޮންޓްރެކްޓުގައި ސޮއިކުރާތާ އެއްއަހަރުތެރޭގައި ނިންމަންޖެހެއެވެ.