ޚަބަރު

އެމްޑީޕީން އައިޑީކާޑު ގަނެވިއްކާކަމުގެ ފުރިހަމަ ހެކި އެބަހުރި- ނިހާން


އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުން އާންމުންގެ އައިޑީ ކާޑް ގަންނަން މަސައްކަތްކުރާކަމުގެ ފުރިހަމަ ހެކި ލިބިފައިވާކަމަށާއި އެ މައްސަލަތައް ފުލުހުންނަށް ހުށައެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ވޯޓަށް ނުފޫޒުފޯރުވަން ހުއްޓާލަން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ގޮވާލަމުންދާއިރު، އިންތިޚާބާ ދިމާކޮށް އިދިކޮޅުން މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ވިސްނުން ބަދަލުކޮށް ރައްޔިތުންގެ މެދުގައި ވޯޓާމެދު އޮތް ޔަޤީންކަން ގެއްލުވާލަންކަމަށެވެ.

މިއީ 2008 ވަނަ އަހަރުވެސް އިދިކޮޅު އެމްޑީޕީން ކުރި ކަންތައްތަކެއްކަމަށް ވިދާޅުވިއެވެ. ނިހާން ވިދާޅުވީ، ވޯޓަށް ނުފޫޒް ފޯރުވާ ރައްޔިތުން ބިރުދެއްކުމުގެ ބޭނުމުގައި އެމްޑީޕީގެ އެކްޓިވިސްޓުން ޢާންމުންގެ އައިޑީކާޑުތައް ވިއްކަމުންދާކަމަށާއި، އެކަމުގެ ފުރިހަމަ ހެކި ލިބިފައިވާކަމަށެވެ. ނިހާން ވިދާޅުވީ އެ މައްސަލަތައް ފުރިހަމަ ހެއްކާއެކު ފުލުހަށް ހުށައަޅާނެކަމަށާއި، އިލެކްޝަން ކޮމިޝަނުންވެސް އެމައްސަލަތައް ބަލަންޖެހޭކަމަށް ވިދާޅުވެ، ބައެއް ހެކިތައް ނޫސްވެރިންނަށް ދައްކާލާފައެވެ.

ނިހާން ވިދާޅުވީ، ކުރީގެ ފަސްޓް ލޭޑީން ވަކި މީހެއްގެ ހައްޤުގައި ނުކުމެ ކުށްވެރިން ދޫކޮށްލުމަށް ގޮވަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ. ނިހާން ވަނީ މިއީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ކުރާ މަލާމާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނައި މީހުންނަށް ރައީސް ޔާމީން ގެނެސްފައިވާ ތަރައްޤީ ފެނި ގިނަ ޒުވާނުންތައް ރައީސް ޔާމީނަށް ގުޅެމުން އަންނަކަމަށެވެ.