ޚަބަރު

ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި އެންމެ އިސްކަން ދޭނީ ދީން ޙިމާޔަތް ކުރުމަށް - އާޒިމާ


ރައީސް ޔާމީންގެ ރިޔާސީ މެނިފެންސްޓޯގެ ހުރިހާ ވަޢުދުތަކެއް ތަންފީޒުކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއްދޭނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދިނިނުމުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެނޑިޑޭޓުންގެ މެނިފެސްޓޯ ރައްޔިތުންނާ ޙިއްޞާ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ މެނިފެސްޓޯ ފޯރަމްގައި ރައީސް ޔާމީންގެ ރިޔާސީ މެނިފެސްޓޯއާ ގުޅޭ މައުލޫމާތު ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝާކޫރު ވިދާޅުވީ، ކުރިއަށްއޮތް 5 އަހަރަށް ރައީސް ޔާމީން ޢިޢުލާންކުރައްވާފައިވާ މެނިފެސްޓޯއަކީ ނިމިގެންމިދާ ރިޔާސީ ދައުރުގައި ތަންފީޒުކުރަމުންދާ މެނިފެސްޓޯއަށް އިތުރުކުރެވޭ ބައެއްކަމަށެވެ.

އާޒިމާ ވިދާޅުވީ މިފަހަރުގެ މެނިފެސްޓޯގައިވެސް ދައުލަތް ހިންގާނެ ގޮތުގެ އުސޫލުތަކެއް ހިމަނާފައިވާކަމަށާއި، އޭގެތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށްކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމާއި، ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުމުގެ ފުރުޞަތު ބޭރުގެ ފަރާތަކަށް ނުދިނުމަށް މެނިފެސްޓޯގައި ޚާއްޞަ އިސްކަމެއްދީފައިވާކަމަށެވެ.

"މި މެނިފެސްޓޯގައި ދައުލަތް ހިންގުމުގެ ގައިޑިންގ ޕްރިންސިޕަލްތަކެއް ހިމަނުއްވާފައިވޭ، އޭގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މައިގަނޑު ޕްރިންސިޕަލްއަކަށް މިއޮތީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރައީސް ޔާމީންގެ ސަރުކާރެއްގައި ފުރުސަތު ނުދިނުމަށް ނިންމާފައިވާ ނިންމެވުން. އެހެންވީމަ މުޅި މެނިފެސްޓޯގެ ހުރިހާ ދިމާލެއްގައި ހުރިހާ ވަޢުދުތައް ތަންފީޒުކުރުމުގައިވެސް މި މައިގަނޑު ގައިޑިންގ ޕްރިންސިޕަލް ހިފެހެއްޓިގެން ދާނެ. ދެންހަމައެއާކު ދިވެހިރާއްޖޭގެ މިނިވަންކަމާއި، ޚާއްސަގޮތެއްގައި ދާޚިލީ މިނިވަންކަމާއި، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ އެތެރޭގެ ކަންތައްތަކާއި ބެހުމުގެ ފުރުސަތު ނުދެއްވުމަކީ ދެން އޮތް ގައިޑިންގ ޕްރިންސިޕަލް" - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ

މީގެ އިތުރުން ރާއްޖޭގެ ސަޤާފަތާއި، ޤައުމިއްޔަތާއި، އިޖްތިމާޢީ ރައްކާތެރިމާއި، އިޖްތިމާޢީ އަޚްލާގުގެ މިންގަޑުތައް ހިފެހެއްޓުމުގެ އިތުރުން އަމާން މުޖުތަމައެއް ބިނާކުރުމާއި، ޤާނޫނުގެ ވެރިކަމާއި، ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވުމަކީވެސް މެނިފެސްޓޯގައި ހިމަނާފައިވާ މައިގަނޑު ކަންކަން ކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން މިސަރުކާރުން ތަރައްޤީގެ އުސްމިންތައް ޙާސިލްކޮށްފައިވަނީ ރާއްޖޭގެ އަމިއްލަވަންތަކަމާއި، އެއްބައެއްވަންތަކަމަށް ބުރޫ ނާރާގޮތަށް، އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން ކަމަށާއި، އިސްލާމްދީނަށް އިސްކަންދޭ އުސޫލުގެ މަތިން ތަރައްޤީވެސް ރޭވިގެންދާނެކަން އާޒިމާ ވިދާޅުވިއެވެ.

"ތަރައްޤީގެ އެކިއެކި ފިޔަވަހީގެ ވާހަކަތައް ދައްކާއިރުގައި އިސްލާމިކް ބޭންކިންގ ގެ ދާއިރާގެ ތެރޭގައި ހިމެނިފައި. ދެން އިސްލާމިކް ސެންޓަރސް މިސްކިތްތަކުގެ ބައިތައް އެގޮތަށް ގެނެވިފައި ހުންނާނީ. އަދި ހަމައެއާއެކު އިސްލާމިކް ޔުނިވަރސިޓީގެ ތަރައްޤީއާއި، އިސްލާމިކް ޔުނިވަރސިޓީ ރިސާޗްސެންޓަރުގެ ތަރައްޤީއާ މިކަންތައްތައް ހުންނާނީ މުޅި މެނިފެސްޓޯގެ ތެރޭގައި ބަހާލެވިފައި" - އާޒިމާ ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ މެނިފެސްޓޯ ފޯރަމްގައި ކެނޑިޑޭޓް ނަންބަރު އެކަކަށް ޚާއްޞަކޮށްގެން ބޭއްވި ބައިގައި ރައީސް ޔާމީންގެ މެނިފެސްޓޯއާ ގުޅޭގޮތުން ދައުލަތުގެ ވަޒީރުންގެ މައްޗަށް އެކުލެވޭ ފަންނީ ޓީމަކުން ވަނީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމާގުޅޭ ތަފްސީލު ޙިއްޞާކުރައްވާފައެވެ.