ޚަބަރު

ވަޒީފާއާއި މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް "ގުރަހަ" ވެބްސައިޓް ލޯންޗުކޮށްފި


ވަޒީފާއާއި މަތީ ތަޢުލީމް ހާސިލުކުރުމުގެ ފުރުޞަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް "ގުރަހަ" ނަމުގައި ވެބްސައިޓެއް އިފްތިތާޙުކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކެޝަން މިނިސްޓްރީން ތައްޔާރުކުރި މި ވެބްސައިޓް އިފްތިތާޚުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ.

ގުރަހަ ވެބްސައިޓަކީ ސްކޫލް ނިންމާ، ވަޒީފާގެ ދާއިރާއަށް ނިކުންނަ ކުދިންނަށް ވަޒީފާގެ މައިދާނުގައި ބޭނުންވާ ހުނަރާއި ޤާބިލިއްޔަތުކަން ހޯދައިދިނުމާއި ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދޭ ވެބްސައިޓްއެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުދުވަހުގެ ތެރޭގައި 6 ލައްކައަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެކަމަށެވެ. އަދި އަމާޒަކީ ބިދޭސީން މަސައްކަތްކުރާ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ހަމަޖެހިގެން ދިޔުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސްގެ ދެވަނަ ދައުރު އިޤްތިޞާދު އެތައް ގުނައަކަށް އިތުރުވެގެންދާނެ. އޭރުން ރާއްޖެއިން ބޭރު މީހުންވެސް ރާއްޖެއަށް އަންނަން ބޭނުންވާނެ. މިހާރު ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް ނިންމުމަށާއި ރާއްޖެ އިތުރަށް ތަރައްޤީ ކުރުމަށް ރައީސް ދެވަނަ ދައުރަކަށް ހޮވަން ޖެހޭ" މޫސާ ޒަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު އައުމުގެ ކުރިން 3 މާއްދާއިން ފާސްނުވާ ކުދިންނަށް މުސްތަޤްބަލެއް ނޯންނަކަމަށެވެ. ނަމަވެސް މިސަރުކާރުން ތައުލީމީ ދާއިރާއަށް ގެނައި ބަދަލާއެކު ކިޔެވުމަށް ދަށް ދަރިވަރުންވެސް އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތުތައް ފަހިވެގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިސަރުކާރު އައުމުގެ ކުރިން ގްރޭޑް އަށެއް އަދި ދިހައެއްގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ގާތްގަޑަކަށް 30000 ދަރިވަރުން ވެގެންދިޔައި ސްކޫލް ދޫކޮށް މަގުމައްޗަށް ނުކުމެ، މުޖުތަމަޢުގައި ގިނަވެފައި ތިބި ބަޔަކަށް." ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

"ގުރަހަ" ވެބްސައިޓްގެ ސަބަބުން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ މީހުންގެ ގުޅުވާލުމުގެ އިތުރުން މި ވެބްސައިޓް މެދުވެރިކޮށް އެމީހަކު ޝައުގުވެރިވާފަދަ ވަޒީފާތަކާ ގުޅުވާލަދޭނެއެވެ. އަދި ވަޒީފާގެ މައުލޫމާތުގެ އިތުރުން މަތީ ތަޢުލީމުގެ ކޯސްތަކުގެ މައުލޫމާތުވެސް މި ވެބްސައިޓްގެ ޒަރިއްޔާއިން ލިބިގެންދާނެއެވެ.