ޚަބަރު

އިދިކޮޅުން ހުށަހަޅާ ދީނީ ކަންކަމުގެ 99 އިންސައްތަ ރައީސް ޔާމީން ވަނީ ފުރިހަމަކޮށްފައި- ޝަހީމް


އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މެނިފެސްޓޯގައި ހިމަނާފައިވާ ދީނީ ކަންކަމުގެ 99 އިންސައްތަ ކަންކަން ރައީސް ޔާމީންގެ ސަރުކާރުން ވަނީ ފުރިހަމަކޮށްފައިކަމަށް، ރައީސް ޔާމީންގެ ރަނިންގމޭޓް، ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދީނީ ޢިލުމުވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް، މިނަމުގައި އޮތް ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތައް ވެރިކަމަށް އައިސްގެން ދީނީ ގޮތުން ކުރަންޖެހޭ މަސައްކަތެއް ނެތްކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން އެމަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރިއަށްގެންދަވާކަމަށެވެ. މިގޮތުން ރައީސް ޔާމީންގެ ސަރުކާރަކީ އިސްލާމީ ދައުވަތު ފެތުރުމުގައި ދީނީ ޢިލްމުވެރިންނަށް އެންމެ ފުރިހަމަ މިނިވަންކަން ދެއްވި ސަރުކާރުކަން ޝަހީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވާއިޒުންގެ މަޤާމު އުފައްދާ، ދީނީ އިލްމު މުޅި ރާއްޖެއަށް ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަހީމްގެ ވާހަކަފުޅުގައި އެމްޑީޕީގެ ސަރުކާރުގައި ޒަކާތުގެ ގޮތުގައި ލިބެނީ 14 މިލިއަނެއްހާ ރުފިޔާކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރާއެކު އެއަދަދު 60 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް އެޅީވެސް މިސަރުކާރުންކަމަށާއި ކީރިތި ޤުރުއާނާއި ޢަރަބި ބަސް ކިޔަވައިދެއްވުމަށްވެސް ބޮޑެތި މަސައްކަތްތަކެއް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަހީމްގެ ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރު އޮތްއިރު އިސްލާމްދީން ނިކަމެތިކޮށްލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދިޔަކަން ފާހަގަކުރެއްވި. މިގޮތުން ޢަރަބި ތަޢުލީމްދޭ ސްކޫލްތަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ބަންދުކުރުމަށް މަސައްކަތްކުރިކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އިސްލާމްދީން ބަލިކަށިކޮށްލުމަށް، ނުވަތަ ޢައިރު ދީންތައް ރާއްޖެއަށް ގެނައުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާކަން ޝަހީމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަކީ، ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.