ޚަބަރު

އެމް.އޭ.ސީ.އެލްގެ "ދޮވެމި އެރައިވަލް ޝޮޕް" ބޮޑުކުރުމަށްފަހު ހުޅުވައިފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގާ "ދޮވެމި އެރައިވަލް ޝޮޕް"ގެ ޖާގަ ބޮޑުކުރުމަށްފަހު އެތަން އަލުން ހުޅުވައިފިއެވެ.

ޙާއްސަ ޕްރޮމޯޝަނަކާއި، އިތުރު ބްރޭންޑްތަކާއެކު މިފިހާރަ ހުޅުވާފައިވަނީ އެކަމަށްޓަކާ އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ.

ދޮވެމި އެރައިވަލް ޝޮޕަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަލް ޓަރމިނަލްގައި އެމް.އޭ.ސީ.އެލުން 2014 ވަނަ އަހަރު ހުޅުވި ފިހާރައެކެވެ. މި ފިހާރަ ޙާއްސަކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ރީތިވާ ސާމާނާއި، ސެންޓާއި، އަވި އައިނާއި، އަތުކުރި ގަޑިފަދަ އުފެއްދުންތަކަށެވެ. ކުރިން 60 އަކަފޫޓުގެ ޖާގައިގެ މި ފިހާރައިގެ ޖާގަ މިހާރުވަނީ 110 އަކަފޫޓަށް އިތުރުކޮށްފައެވެ. ފިހާރަ ހުޅުވައިދެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ އެތަނުން ލިބެންހުރި އުފެއްދުންތައް ބައްލަވާލައްވާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ ހެޑް އޮފް ޑިއުޓީ-ފްރީ ރަޙްމަތުﷲ އަޝްރަފް ވިދާޅުވީ، ދޮވެމި އެރައިވަލް ޝޮޕް ބޮޑުކުރަން ނިންމީ ދިވެހިންނަކީ އަބަދުވެސް ލަގްޒަރީ ބްރޭންޑްތަކަށް ލޯބިކުރާ ބަޔަކަށްވެފައި، ކަސްޓަމަރުންގެ މެދުގައި އޮންނަ ޑިމާންޑް އިތުރުވުމުގެ ސަބަބުން ކަމަށެވެ. އަދި އަލަށް ހުޅުވިއިރު، އެތަނުގެ ބްރޭންޑްތަކުގެ އަދަދުވެސް އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދޮވެމި އެރައިވަލް ޝޮޕް އަލުން ހުޅުވާފައިވަނީ ކަސްޓަމަރުންނަށް ޙާއްސަ ޕްރޮމޯޝަނަކާއެކުއެވެ. ދިވެހިންނަށާއި، ވޯކްޕާމިޓް ނަގައިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ކަނޑައަޅާފައިވާ ވަކި ބްރޭންޑެއްގެ އުފެއްދުމެއް ގަންނަ ފަރާތްތަކަށް ޙާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

3 މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ތެރެއިން، ކޮންމެ މަހަކުވެސް ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް ދުބާއީ، ތައިލެންޑްގެ ބެންކޮކް ނުވަތަ ފިލިޕީންސްގެ ވެރިރަށް މެނީލާއަށް 2 މީހަކަށް ދިއުމުގެ ދެކޮޅު ޓިކެޓް ލިބިގެންދާނެކަމަށް ރަޙްމަތުﷲ އަޝްރަފް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލުން ވީ.އައި.އޭގައި ހިންގާ މިފިހާރައަކީ ދިވެހިންގެ އިތުރުން، ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލުކަމެއް ހޯދާފައިވާ ތަނެކެވެ. އަދި ތަފާތު އެކި މުނާސަބަތުތަކާ ދިމާކޮށް ޙާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދެއެވެ. ޖާގަ އިތުރުކުރުމާއެކު، "ދޮވެމި އެރައިވަލް ޝޮޕް"ގެ ވިޔަފާރިއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރާ ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.