ޚަބަރު

ޢިލްމުވެރިންގެ އަގުވައްޓާލި ބައެއްގެ ދީނީ ސިޔާސަތަށް އިތުބާރު ނުކުރެވޭނެ - ނިހާން


އެމްޑީޕީގެ ވެރިކަމުގައި ދީނީ ޢިލްމުވެރިންތަކެއް ރައީސާ ބައްދަލުކުރަން ދިއުމުން މަގުމަތީގައި އެމީހުންގެ އަގުވައްޓާލިކަމަށާއި، އެފަދަ ބައެއްގެ މެނިފެސްޓޯގައި ދީނީ ސިޔާސަތުގެ ގޮތުގައި ކޮންމެފަދަ އެއްޗެއް ލިޔަންވެސް ފަސްނުޖެހޭނެކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞެއިން މަނިކު ވިދާޅުވީ އެމްޑީޕީގެ ކޯލިޝަނުން ޕީޕީއެމްގެ މެނިފެސްޓޯ ކޮޕީކޮށްފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިނާއި، ދީނަށް ލޯބިކުރާ މީހުން ރުއްސުމަށް އެޕާޓީގެ މެނިފެސްޓޯގައި ވާހަކަތަކެއް ހިމަނައި، ޢިލްމުވެރިން ރުއްސުމަށް އިދިކޮޅު ފަރާތްތަކަށް ތެޅި ފޮޅެމުންދާކަމަށެވެ.

"ކަމެއްކޮށްދެވެން ނެތީމަ އަޅުގަނޑުމެންގެ ވައުދުތައް ކޮޕީކޮށްގެން ގެނެސްދެމުންގޮސް ދީނީ އިލްމުވެރިންނާއި ދީނަށް ލޯބިކުރާ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ވިސްނުމާ ސިކުނޑިއަށް ރަނގަޅުވެދާނެ ކަމަށް ބުނާ ބައެއް ކަހަލަ ކަންތައްތައް ވައުދުގެ ގޮތުގައި ހިމެނޭތޯ އެމްޑީޕީން ތެޅިފޮޅެމުންދާ މަންޒަރު އެބަފެނޭ." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެމްޑީޕީއަކީ އެޕާޓީގެ ވެރިކަމުގައި ދިވެހިރައްޔިތުން ކުރިމަތީގައި ވަރަށް ސާފުކަންބޮޑުގޮތުގައި އިސްލާމްދީނުގެ ގިނަ ކަންކަމަށް ގޮންޖަހާފައިވާ ބައެއްކަމަށެވެ.

"އެމްޑީޕީއަކީ އެޕާޓީގެ ވެރިކަމުގައި ވަރަށް ސާފުކަންބޮޑުގޮތެއްގައި އިސްލާމް މި މުޤައްރިރުވެސް އެއްމެކުޑަ މިނުން ބަދަލުކޮށް އިސްލާމާއި ދިވެހި މާއްދާއަކީ މަޖުބޫރު ނޫން މާއްދާތަކަށް ހަނދަން މަސައްކަތްކުރި ޓީމް." ނިހާން ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް ރައީސް އޮފީސް ދޮށަށް ޖަމާވި ދީނީ އިލްމުވެރިން މަގުމަތީގައި އަގުވައްޓާލުމަށްފަހު ގެއަށް ފޮނުވާލި މަންޒަރުވެސް ދިވެހިރައްޔިތުންނަށް ފެނިފައިވާ ކަމަށާއި، އެފަދަ ބަޔަކު ވެރިކަމަށް އައުމަށްޓަކައި ކޮންމެފަދަ ވާހައެއްވެސް ދައްކައި، ވައުދެއްގެ ގޮތުގައި ކޮންމެފަދަ އެއްޗެއްވެސް ލިޔަން ފަސް ނުޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.