ޚަބަރު

ފްލައިޓު ޖެއްސުމުން ކުޅުދުއްފުށީ ރައްޔިތުން އުފަލުން ފޮޅިއްޖެ


ކުޅުދުއްފުއްޓަކީ އުތުރުން އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އިޖްތިމާއީ ގޮތުންނާއި އުމްރާނީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ މިރަށުގެ ރައްޔިތުން އަބަދުވެސް ދެކެމުން އައީ އެރަށުގައި އެއަރޕޯޓެއް އެޅި، އަމިއްލަ ރަށުން މަތިންދާ ބޯޓުގައި ފުރައިގެން ރާއްޖޭގެ އެކި މަންޒިލްތަކަށް ދެވޭނެ ދުވަހެކެވެ.

ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅުއްވާދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާއެކު، އެއާޕޯޓެއް ހެދި ރަންވޭގައި ޓެސްޓް ފްލައިޓު ޖެއްސުން ވެގެންދިޔައީ އެރަށުގެ ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔަ ކަމަކަށެވެ. އެރައްޔިތުން ބުނަމުންދިޔައީ މި މަޝްރޫއާއެކު ކުޅުދުއްފުއްޓަށް އުމްރާނީ ގޮތުންނާއި އިޤްތިޞާދީގޮތުން ބޮޑެތި ފައިދާތަކެއްކުރާނެކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓު އެރަށުގެ ރަންވޭގައި ޖެއްސުމާއެކު، އެންމެ ފުރަތަމަ ފައިބައިވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަލްއުސްތާޛް މުހައްމަދު އަނިލް އެވެ. އަދި އެބޭފުޅުންނާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި އެމްޓީސީސީގެ އިސްވެރިން އަދި އައިލެންޑް އޭވިއޭޝަނާއި އޭވިއޭޝަން ދާއިރާގެ އިސް ބޭފުޅުން ޓެސްޓް ފްލައިޓުގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންނަމަ މާދަމާއިން ފެށިގެން އެރަށުގެ އެއާޕޯޓުގައި ޗާޓަރު ފްލައިޓު ޖެއްސޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީ އެއަރޕޯޓުގެ ސަބަބުން އެރަށް ހިމެނޭ ސަރަޙައްދުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުންނާއި އެ ސަރަޙައްދުގެ ރައްޔިތުންނަށްވެސް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"މިއެއާޕޯޓުގެ ބޭނުން ހިފައިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވިއްޖެއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ހާއްސަކޮށް މިރަށުގެ ޓޫރިޒަމާއި ރަށް ކައިރީގައިވާ އެހެން ރަށްތަކަށްވެސް ޓޫރިޒަމަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ. އަދި ފަސޭހަތަކެއް ލިބި ޓޫރިޒަމް ރާއްޖޭގައި ފުޅާކުރެވިގެންދާނެ." މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ އެއާޕޯޓުގެ ރަންވޭއަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު، ރަންވޭގެ އިތުރުން ޓެކްސީވޭ އާއި އެޕްރޮންވެސް ވަނީ ނިންމާލާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ކުޅުދުއްފުށީގެ އެއާޕޯޓަށް އާދެވެމުން އެރަށުގެ ރައްޔިތުންނާ އެއްވަރަށް އެމަނިކުފާނުވެސް އުފާވާ ކަމަށެވެ. އަދި މިއީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅާއެކު ކުޅުދުއްފުށީގެ ރައްޔިތުންނަށް ވެދެއްވި އަގުބޮޑު ހަދިޔާއެއް ކަމަށެވެ.

ނިހާން ވިދާޅުވީ، ވޭތުވެދިޔަ ކުރު މާޒީގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން މަސައްކަތް ފެށުމާއެކު އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ވާހަތައް ދައްކަމުންދިޔަ ކަމަށާއި ނަމަވެސް މިއަދު އެފަރާތްތައްވެސް ތިބީ އެރަށުގެ އެއާޕޯޓުގައި ބޯޓު ޖެއްސި މަންޒަރު ބަލަން ކަމަށެވެ.

"އަޅުގަނޑުގެ ވަރަށް އިހުލާސްތެރި ޝުކުރެއް އަދުގެ ސަރުކާރަށް ޙާއްސަ ރައީސް ޔާމީނަށް ދަންނަވަން. އެފަދަ ވައުދުތައް އަޅުގަނޑުމެންނަށް ވާންކެރެނީ ރައީސް ޔާމީނަކީ އެފަދަ ގާބިލު އަދި ގޮތް ހޯއްދަވާނެ ބޭފުޅަކަށްވާތީ. މިރަށުގަ މިއުފާވެރި ވަގުތުގަ ހިތަށްއަރާ ވޭތުވެދިޔަ ދުވަސްތަކުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކި މީހުން މިހާރު ކޮބައިތޯއޭ." ނިހާން ވިދާޅުވިއެވެ.

ކުޅުދުއްފުށްޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ވިދާޅުވެފައިވަނީ، އެރަށުގެ ރައްޔިތުން ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ކުޅުދުއްފުއްޓަށް ދަތުރުކުރާނީ ކުޅުދުއްފުށީ އެއާޕޯޓަށް ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް އެރަށުގެ ފަޅުތެރެއިން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.