ޚަބަރު

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ކުރުނބާ މޯލްޑިވްސްއިން އިން އިންޓަރންޝިޕް ފުރުޞަތުތަކެއް


ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދުއެވެ. ކުރުނބާ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ރިޒައިދް މަޖުސްކީއެވެ.

މި އެއްބަސްވުމުގެދަށުން ކުޑަކުދިންގެ ހިޔާގައި ތިބި 16 އަހަރުން މަތީގެ ކުދިންގެ ތެރެއިން މަދުވެގެން 2 ކުއްޖަކަށް ކޮންމެ އަހަރަކު ކުރުނބާ މޯލްޑިވްސްގެ އެކި ޑިޕާޓުމެންޓުތަކުގައި 1 އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ކުދިންގެ ތެރެއިން، ހޮސްޕިޓަރލިޓީ އަދި ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދާން ޝައުޤުވެރިވާ ކުދިންގެ ހުނަރާއި ޤާބިލުކަމަށްބަލައި، ކުރުނބާ މޯލްޑިވްސްގައި ނުވަތަ މި ދާއިރާއާ ގުޅުންހުރި އެހެން ތަނެއްގައި ވަޒީފާ އަދާކުރުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި އަނަންތާރާ މޯލްޑިވްސްއާއެކު ވެސް މި ފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ދެ ކުއްޖަކު މިހާރުވެސް އަންނަނީ މި ދެ ރިސޯޓުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަމުންކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.