ޚަބަރު

ތަޖުރިބާކާރުންގެ ކުރިމަތީ މިސައިލް ކާރުޚާނާ ނައްތާލާނެކަމަށް އުތުރު ކޮރެއާއިން ބުނެފި


އުތުރު ކޮރެއާއިން އެ ޤައުމުގެ އެންމެ ބޮޑު އެއް މިސައިލް އުފައްދާ ކާރުޚާނާ ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ ކުރިމަތީގައި މުޅިން ނައްތާލާނެކަމަށް ބުނެފިއެވެ.

އުތުރު ކޮރެއާއިން މިކަން އިޢުލާނުކޮށްފައިވަނީ އެ ޤައުމަށް މިހާރު ވަަޑައިގެން އުޅުއްވާ ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިންއާ އުތުރު ކޮރެއާގެ ޒަޢީމާ ދެމެދު ބޭއްވި ސީދާ ވާހަކަތަކަށް ފަހުގައެވެ. ދިހަ އަހަރަށް ފަހު ދެކުނު ކޮރެއާގެ ރައީސަކު އުތުރު ކޮރެއާއަށް ކުރެއްވި ފުރަތަމަ ދަތުރުގައި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިންއާ ދެމެދު ސީދާ ވާހަކަތައް ބާއްވާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

މި ވާހަކަތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދެ ބޭފުޅުން ވިދާޅުވީ، ދެ ކޮރެއާއިން އޮތީ ކޮރިއަން ޕެނިންސުލާއަކީ ސުލްޙަވެރި ސަރަހައްދަކަށް ހަދާ ނިއުކްލިޔަރ ހަތިޔާރު ނެތް އަދި ނިއުކްލިޔަރ ހަތިޔާރުގެ ނުރައްކާވެސް ނެތް ސަރަހައްދަކަށް ހެދުމަށް ތައްޔާރަށް ކަމަށެވެ.

މި ދެބޭފުޅުން އިތުރަށް ވިދާޅުވީ، އުތުރު ކޮރެއާއިން އޮތީ އެ ޤައުމުގެ އެންމެ ބޮޑު ނިއުކްލިޔަރ ކޮމްޕްލެކްސް ވެސް ބަންދުކުރުމަށް ތައްޔާރަށް ކަމަށާއި، ބަދަލުގައި އެމެރިކާއިން އުތުރު ކޮރެއާއަށް ފައިދާވާނެ ފަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ.

ދެ ކޮރެއާގެ އިސްވެރިންގެ މެދުގައި މި އަހަރު އިތުރު ދެ ބައްދަލުކުރެއްވުމެއް ކުރިއަށް ގޮސްފައިވާއިރު މީގެ ކުރިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި އުތުރު ކޮރެއާގެ ޒަޢީމް ވަނީ އުތުރުކޮރެއާގެ އަތުގައި ހުރި ނިއުކްލިޔަރ ހަތިޔާރުތައް ނައްތާލާ އެ ގައުމުގެ މިސައިލްތައް ނައްތާލުމަށް އެއްބަސްވެވަޑައިގެންފައެވެ.

އެހެންނަމަވެސް އެއަށް ފަހު މިކަމާ ބެހޭ ޢަމަލީ މަސައްކަތުގެ ތަފްސީލު އުތުރު ކޮރެއާއިން ހާމަކޮށްފައި ނުވާއިރު މި ފަހަރުގެ ވާހަކަތަކަށް ފަހު ދެ ބޭފުޅުން އެއްކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިކަމުގައި ދެން އުތުރު ކޮރެއާއިން އަޅާނެ ފިޔަވަޅަކީ އުތުރު ކޮރެއާގެ އެންމެ ބޮޑު މިސައިލް އުފައްދާ ޓެސްޓް ކުރާ މަރުކަޒު ނައްތާލުންކަމަށެވެ.

އަދި މި ތަން ބެލުމަށް އުތުރު ކޮރެއާގެ ނިއުކްލިޔަރ މަޝްރުޢާ މެދު ކަންބޮޑުވާ ޤައުމުތަކުގެ ފަންނީ ތަޖުރިބާކާރުންނަށް ދަޢުވަތު ދޭނެ ކަމަށްވެސް ދެ ޤައުމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މި ބަޔާނުގައި އުތުރު ކޮރެއާއިން ބުނެފައި އޮތީ އެ ޤައުމުގެ އިތުރު ފިޔަވަޅުތަކެއް ގޮތުގައި އެ ޤައުމުގެ ނިއުކްލިޔަރ އެއް ފެސިލީޓީވެސް ހަލާކުކޮށްލާނެ ކަމަށެވެ.

އަދި މި ފިޔަވަޅުތަކުގެ ބަދަލު އެމެރިކާއިންވެސް އުތުރު ކޮރެއާއަށް ފައިދާ ހުރި ފިޔަވަޅުތަކެއް އެޅުމަށް މި ބަޔާނުގައި ބާރު އަޅާ އިރު މީގެ ތެރެއިން އެއް ކަމަކީ 1950ގެ އަހަރުތަކުގައި ދެކޮރެއާ ދެމެދު ކުރި ހަނގުރާމަ ރަސްމީކޮށް ނިމުމުނު ކަން އެމެރިކާއިން އިއުލާނުކުރުންކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފައެވެ.

ދެ ކޮރެއާއިން ނެރުނު ބަޔާނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ރައީސް ވިދާޅުވީ، އުތުރު ކޮރެއާއިން އިޢުލާނުކުރި ފިޔަވަޅުތަކާ މެދު އެމެރިކާއިން ހިތްހަމަޖެހޭ ކަމަށާއި މިކަންކަމުގެ އިތުރަށް އެ ޤައުމުން ވަނީ އިތުރު މިސައިލް ޓެސްޓްތަކާ ނިއުކްލިޔަރ ޓެސްޓްތައްވެސް ހުއްޓާލާނެކަމަށް ވައުދުވެފައި ކަމަށެވެ.