ޚަބަރު

ޕީޕީއެމްގެ މެނިފެސްޓޯ "ތަރައްޤީގެ ޙިއްޞާ އެންމެންނަށް" އިފްތިތާޙްކޮށްފި


ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއިން ތައްޔާރުކޮށްފައިވާ މެނިފެސްޓޯ އެޕާޓީން ރޭ އިފްތިތާޙްކުރައްވައިފިއެވެ.

"އެންމެން އެކަކަށް" މި ނަމުގައި ރޭ ޕީޕީއެމްއިން މާފަންނު ޓްރެކް ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ މެނިފެސްޓީ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ.

"ތަރައްޤީގެ ޙިއްޞާ އެންމެންނަށް" މި ނަމުގައި ނެރެފައިވާ މި މެނިފެސްޓޯގައި 13 ދާއިރާއެއް ވަނީ ހިމަނާފައެވެ. އެ ދާއިރާތަކަކީ ޓޫރިޒަމް، މެރިޓައިމް ހަބް، ފައިނޭންސް، އައިސީޓީ، އިންފްރާ ސްޓަކްޗާ އާއި އާބަން ޑިވަލޮޕްމަންޓް، މަސްވެރިކަން، ދަނޑުވެރިކަން، ސިއްހީ ދާއިރާ، ތައުލީމު، އިޖްތިމާއި ރައްކާތެރިކަން އަދި ޒުވާނުންގެ ދާއިރާއެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައިވާ ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ފަސް މިލިއަނަށް އިތުރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ހުވަދު އަތޮޅުގައި 10،000 އެނދު ތަރައްޤީކޮށް އެ ސަރަޙައްދަކީ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ޤާއިމްކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ފ. އަތޮޅު އިންޓަގްރޭޓެޑް ޓޫރިޒަމް ހަބެއްގެ ގޮތުގައި ތަރައްޤީ ކުރާނެ ކަމަށްވެސް ޕީޕީއެމްގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ.

އައްޑޫގައި ބަންކަރިންނާއި، ޑޮކިން އަދި ބޯޓްތަކަށް ތެޔޮ އެޅޭނެ ފެސިލިޓީ ގާއިމްކުރާނެ ކަމަށް ޕީޕީއެމް މެނިފެސްޓޯގައި ބަޔާންކޮށްފައިވާއިރު މާލޭގެ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ޓްރާންޝިޕްމަންޓް ބަނދަރަކަށް ތިލަފުށީ ހަދާނެ ކަމަށް ޕީޕީއެމްގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ.

ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނާއި އަންހެނުންނަށް 1000 ލޯންގެ ފުރުޞަތު ދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެޗްޑީއެފްސީ ޑިވެލޮޕްމަންޓް ބޭންކެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާއިރު ހުރިހާ ރަށަކަށް އިސްލާމިކް ބޭންކިންގެ ޚިދުމަތް ފުޅާ ކުރާނެ ކަމަށްވެސް ޕީޕީއެމްގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ.

ގްރޭޓާ މާލޭ ޒޯންގެ އިތުރުން އިތުރާއި ދެކުނުގައި އިގްތިސާދީ ދެ ސަރަހައްދު ގާއިމްކުރާނެ ކަމަށް ބަޔާންކޮށްފައިވާއިރު އަތޮޅުތަކުގައި 500 ހައުސިންގ ޔުނިޓު އަޅާނެ ކަމަށްވެސް ޕީޕީއެމްގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ޤާއިމްކޮށް ނިންމާލާނެ ކަމަށް ވަނީ ބުނެފައިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ޕީޕީއެމްއިން ނެރެފައިވާ މެނިފެސްޓޯގައި ހުރި ކަންތައްތަކަކީ 2013ވަނަ އަހަރު ޕީޕީއެމްއިން ނެރުނު މެނިފެސްޓޯގައި ހުރި ކަންކަމާ ގުޅިލާމެހިގެން ރާއްޖެ ތަރައްޤީ ކުރާނެ ގޮތް ހިމެނޭނެ މެނިފެސްޓޯއެއް ކަމަށެވެ.