ޚަބަރު

މަޝްހޫރު ފުޑްޗެއިންތަކާއެކު ވޯޓަރ ފްރަންޓް ރެސްޓޯރެންޓް މިއަދު ހަވީރު ހުޅުވަނީ


ދުނިޔޭގެ މަޝްހޫރު 4 ފުޑްޗެއިނަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ވޯޓަރ ފްރަންޓް ރެސްޓޯރެންޓް މިއަދު ހުޅުވާނެއެވެ.

ވޯޓަރ ފްރަންޓް ރެސްޓޯރެންޓް ރަސްމީކޮށް އާއްމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެއަރޕޯޓުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރެސްޓޯރެންޓް ހުޅުވުމާއެކު އެތަނުގައިހުރި ފުޑް-އައުޓްލެޓްތަކުން މިއަދުން ފެށިގެން އާއްމުންނަށް ޚިދުމަތް ލިބޭނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ފާސްޓް-ފުޑް ޗެއިންތަކުގެ އައުޓްލެޓްތަކާއެކު ތަރައްޤީކޮށްފައިވާ މި ވޯޓަރ ފްރަންޓް ރެސްޓޯރެންޓަކީ 2 ބުރިއަށް ހަދާފައިވާ ތަނެކެވެ. އެގޮތުން މި އިމާރާތުގެ ތިރީބައި ޑިޒައިންކޮށްފައިވަނީ ވޯކްވޭއެއްގޮތަށް އާއްމުންނަށް ހިނގާބިގާވެ އުޅެވޭނެހެންނެވެ. އަދި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފްރެންޗައިޒް އައުޓްލެޓްތަކަށެވެ. މަޝްހޫރު ބްރޭޑްތައް ކަމަށްވާ ކޭއެފްސީއާއި، ޕިއްޒާ ހަޓާއި، ކޮސްޓާ ކޮފީގެ އިތުރުން ހާރވެސްޓް މާކެޓްގެ އައުޓްލެޓްތައް މި ރެސްޓޯރެންޓްގައި ހުންނައިރު، މި ފުޑް ޗެއިންތައް ހިންގުމަށް ހަވާލުކޮށްފައިވަނީ އިޓަލީވިލާތުގެ ކުންފުންޏެއްކަމަށްވާ އެޗް.އެމް.އެސް ހޯސްޓް އިންޓަރނޭޝަނަލާއެވެ.

އެޗް.އެމް.އެސް ހޯސްޓަކީ އެއަރޕޯޓްތަކުގައި ރެސްޓޯރަންޓްތައް ހިންގުމުގައި ކުރިއަރާފައިވާ އިޓަލީވިލާތުގެ އޮޓޯގްރިލް އެސް.ޕީ.އޭގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިކުންފުނިން މިހާރުވެސްދަނީ އޭޝިޔާއާއި ޔޫރަޕާއި މެދުއިރުމަތީގެ ގިނަ އެއަރޕޯޓްތަކުގައި ރެސްޓޯރަންޓްތައް ހިންގަމުންނެވެ. އެގޮތުން 120 ޤައުމެއްގައި އެކުންފުނިން ރެސްޓޯރަންޓްތައް ހިންގަމުންދެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމަތީގައި ތަރައްޤީކޮށްފައިވާ މި ވޯޓަރ ފްރަންޓް ރެސްޓޯރެންޓްގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އިނޯކާ ޕްރައިވެޓް ލިމިޓެޑުންނެވެ. މި ރެސްޓޯރެންޓާއި އިންވެގެން ފެރީތަކަށް ލަފާ ފުރުމަށް ޙާއްސަ ފިންގަރ ޖެޓީތަކެއްވެސް ވަނީ އެއަރޕޯޓުގައި ހަދާފައެވެ.