ޚަބަރު

ރާއްޖޭގައި ބޭރުގެ ސިފައިން ބައިތިއްބަން ގޮވާލާ ބަޔަކަށް ޤައުމީ ސިޔާދަތު ނުނެގެހެއްޓޭނެ - ޑިފެންސް މިނިސްޓަރ


ރާއްޖޭގައި ބޭރު ޤައުމުތަކުގެ ސިފައިން ބައިތިއްބަން ގޮވާލާބަޔަކު ރާއްޖޭގެ ވެރިކަމަށް އަންނަން މަސައްކަތް ކުރިނަމަވެސް އެފަދަ ބަޔަކަށް ރާއްޖޭގެ ސިޔާދަތު ނުނެގެހެއްޓޭނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

"އެންމެން އެކަކަށް" މިނަމުގައި މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައު ޕީޕީއެމްއެއިން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރާއި، ޕީ.ޕީ.އެމް އަށް ތާޢީދުކުރާ އެތަށް ހާސް ބަޔަކު އެއްވެ މަސައްކަތްކުރަމުން މިދަނީ ދިވެހިރާއްޖޭގެ ދީނީ، ޤައުމީ ވަޙްދަތު ރައްކާތެރިކުރުމަށްކަމަށެވެ. މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ދިވެހި ހުރިހާ ރައްޔިތުން އަތާއިއަތްގުޅާލައިގެން ކުރިއަށް އޮތް ރިޔާސީދައުރަށް ރައީސް ޔާމީން އިންތިޚާބުކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި ދިވެހިންނަށް ބޭނުންވާ އިޖްތިމާޢީ ކުރިއެރުން އެންމެފުރިހަމައަށް ހޯއްދަވައިދެއްވީ ރައީސް ޔާމީންކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭރުގެ ފަރާތްތަކާ ގުޅިގެން އެފަރާތްތަކާއެކު ޑީލް ހަދައިގެން ވެރިކަމަށް އަންނަ ބަޔަކަށް އިސްލާމްދީނުގެ ވަޙުދަތެއް ނުހިފެހެއްޓޭނެ. ބޭރުގެ ސިފައިން ގެންނަ ބަޔަކަށް ރާއްޖޭގެ ސިޔާދަތެއް ނުނެގެހެއްޓޭނެ. އެކަން ކުރެވޭނެ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. އެހެންވެ އެމަނިކުފާނު ހޮވުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރުވެގެން"

ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބުވާނެކަމުގެ މަންޒަރުތައްކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޑރ.ޝައިނީ ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓަށް ތާޢީދުކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ޢަމަލުތަކަށް ބަލާއިރު، ފެންނަނީ އިސްލާމް ދީނާއި ޚިލާފު އަދި ދިވެހިން ނޭދޭ ވާހަކަތަކާއި ޢަމަލުތައްކަމަށެވެ.

ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ވެރިކަން ކޮށްދެއްވާނީ ރައީސް ޔާމީންކަމަށާ، މިއަދު ރާއްޖެ ދެކެމުންމިދާ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތަކަކީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮއްވަވައިދޭންޖެހޭ ސަބަބުކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.

"އެންމެފަހުން އިސްރޭލާ ގުޅުން ޤާއިމްކޮށްފައި އައިމަ ކެނެރީގޭ ނަޝީދުއާ ސުވާލެއްކުރީމަ، މިބުނަނީ ތިމަންނަގެ ސިޔާސަތު އޮންނާނީ ކުރިން ބުނެފައޭ. ތިމަންނަގެ ސިޔާސަތޮ އޮންނާނީ ޑޮމޮކްރަސީ އޮންނަގޮތަށް ކެމްޕެއިންގައި ކިޔައިދީފައޭ. މިހާރު އެބޭފުޅުން ކެމްޕެއިންކުރާއިރު ޖަޒީރާއޭކިޔާފަ މިދައްކާ މަންޒަރާމެދު އަޅުގަނޑުމެން ވިސްނަންވާނެ. ފަހުން ދެރަވެގެން ނުވާނެ ނުބައި ގޮތަކަށް ވޯޓުދީފަ އައިސް. އަޅުގަނޑު މިދަންނަވަނީ 70 ޕަސެންޓުން ރައީސް ޔާމީން ހޮވައިދެއްވަވާށޭ. ތިބޭފުޅުންނަށް ކޮށްދެއްވަން ހުރި ހުރިހާ ކަމެއް އެމަނިކުފާނުކޮށްދެއްވާނޭ."

ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.

ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން ބޭއްވި ބޮޑު ޖަލްސާގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރަށް ތާޢީދުކުރާ އެތައް ހާސް ބަޔަކުވަނީ ބައިވެރިވެފައެވެ.