ޚަބަރު

ކުރީގެ ސަރުކާރަށް ނުހިންގުނު އެއަރޕޯޓަކީ މި ސަރަޙައްދުގެ އެންމެ ފަޚުރުވެރި އެއަރޕޯޓަށްވެއްޖެ- ރައީސް


ކުރީގެ ސަރުކާރަށް ނުހިންގުނު އެއަރޕޯޓަކީ މި ސަރަޙައްދުގެ އެންމެ ފަޚުރުވެރި އެއަރޕޯޓަށްވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވުމާއި ޤައުމީ ޓީމަށް މަރުހަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ތަރައްޤީގެ ރޮނގުން ހާސިލު ނުކުރެވޭނެ ކަމެއް ނޯންނާނެކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކުރީގެ ސަރުކާރަށް ނުހިންގުނު އެއަރޕޯޓްކަމަށާއި، ނަމަވެސް މިއަދު އެ އެއަރޕޯޓަކީ އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭ ދިވެހިންގެ ޝަރަފުކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަން އޮތީ އެއަރޕޯޓުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ބާލިދީ އެއަރޕޯޓްގެ ގޮތުގައި ސިފަކުރި މި އެއަރޕޯޓަކީ މި ސަރަހައްދުގައި އޮތް އެންމެ ފަޚުރުވެރި އެއަރޕޯޓަށް ވެއްޖެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފައިސާ ނެތިގެން އެއަރޕޯޓް ވިއްކާލަން ނުޖެހޭނެކަން މިއަދު ފެންނަމުންދާކަމަށާއި، ޤައުމުގެ އިޤްތިޞާދު ބަރޯސާ ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހިން ކުރިއަރައިގެން ގޮސްފައިވަނީ ދިވެހިންގެ މަސައްކަތުންކަމަށާއި، މިއީ ޒުވާނުންގެ ކުރިމަގަށާއި، އިޤްތިޞާދާއި، ރާއްޖެ އަޅުވެތިކަމަށް ނުދާނެކަމުގެ ހެއްކެއްކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއީ ދިވެހިންނަށް ލިބުނު އީދެއްގެ ގޮތުގައި ސިފަކުރައްވާ އެމަނިކުފާނުގެ ވެރިކަމުގައި މި ޤައުމަށް ނުދެވޭނެ ހިސާބެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ޓީމަށް ހިތްވަރުދެއްވަމުން ރައީސް ޔާމީން ވިދާޅުވިގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ އަބަދުވެސް ދިވެހިން ކުރާ މަސައްކަތުގައި ކުރިބޯއްޓާ ހަމައަށް ވާސިލްވުންކަމުގައި ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ފުރުސަތު ތަނަވަސްކޮށްދީ ވަސީލަތްތައް ފޯރުކޮށްދީފިނަމަ ޒުވާނުން، މި ޤައުމު މުޅި ދުނިޔެއަށްވެސް މަޝްހޫރުކޮށްދޭނެކަން ފެނިއްޖެކަމަށާއި، ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ދާން ބޭނުންވާ މަންޒިލާހަމައަށް ފޯރާނެކަން ޒުވާނުން ސާބިތުކޮށްދީފައިވާކަން ފާހަގަކުރައްވާ ޒުވާން ޓީމަށާއި، ރާއްޖެއާއި އޭތުރީ އެއިޓީގެ ޒުވާން ޕައިލެޓަށް ރައީސް ވަނީ ތަޢުރީފްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއަރޕޯޓު ތަރައްޤީ ކުރުމުގެ މުޅި މަޝްރުޢޫ ނިމުމުން، ދިވެހި ދައުލަތަށް ލިބޭ އާމްދަނީ 82 ބިލިއަނަށް އަރައިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުވެސް އެއަރޕޯޓުން ތަރައްޤީގެ ކާމިޔާބީތައް ފެނިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.