ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ރަންވޭ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފްލައިޓް ޖެއްސުމާ ގުޅިގެން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މަރުޙަބާ ދަންނަވައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވައި ފުރަތަމަ ފްލައިޓް އައު ރަންވޭގައި ޖެއްސުމާ ގުޅިގެން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ކުރެއްވި ޓްވީޓެއްގައި ވަނީީ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށާއި، އެމްއޭސީއެލްގޭ ބޯޑު މެންބަރުންނަށާއި އެކުންފުނީގެ މެންބަރުންނަށް މަރުޙަބާ ދަންނަވާފައެވެ. ރައީސް ވަޙީދު ވިދާޅުވީ އެއަރޕޯޓްގެ އައު ރަންވޭގެ މަސައްކަތް ނިމުމަކީ ދިގު އިންތިޒާރެއްގެ ނިމުންކަމަށާއި، އެއީ ރާއްޖޭގެ ތަރައްޤީއަށް ނުހަނު ބޭނުންތެރި މަޝްރޫޢެއްކަމަށެވެ.
އެއަރޕޯޓުގެ އައު ރަންވޭއަކީ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކަށް ތަރައްޤީކޮށްފައިވާ، ކޯޑް އެފް ފެންވަރުގެ ރަންވޭއެކެވެ. އާ ރަންވޭއަށް ފުރަތަމަ ޖައްސާފައިވަނީ، ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އެންމެ ބިޔަ މަތިންދާބޯޓުކަމަށްވާ، އޭތުރީ އެއިޓީ މަރުކާގެ މަތިންދާބޯޓެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭއަކީ 3400 މީޓަރުގެ ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބިލިއަން ޑޮލަރުގެ މަޝްރުޢޫގެ ތެރޭގައި ހިމެނޭ ކޮމްޕޮނެންޓް ތަކުގެ ތެރެއިން އެންމެ ފުރަތަމަ ނިންމާފައިވަނީ އައު ރަންވޭގެ މަސައްކަތެވެ.