ޚަބަރު

ފާއިތުވެދިޔަ 5 އަހަރު، މޯލްޑިވިއަންގެ ޙިދުމަތްތަކަށް އިންގިލާބީ ކުރިއެރުމެއް


ފާއިތުވެދިޔަ 5 އަހަރަކީ ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތްތަކަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއެއް އައިސް ޚިދުމަތް ފުޅާވެގެންދިޔަ 5 އަހަރުކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ޤައުމީ އެއަރލައިންގެ ނަމުގައި ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގުރާމުގައި މޯލްޑިވިއަނުން ވަނީ ފާއިތުވި 5 އަހަރުގެ ތެރޭގައި އެ ކުންފުނިން ޙާސިލްކޮށްފައިވާ ކާމިޔާބީގެ މަޢުލޫމާތު ހާމަކޮށްފައެވެ.
މި ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ ހެޑް އޮފް ފައިނޭންސް އެންޑް އެކައުންޓްސް ހުސައިން ޝަފްއަތު ވިދާޅުވީ، 5 އަހަރުދުވަހުގެ ތެރޭގައި އެއެއަރލައިނަށް އައި ކުރިއެރުމާއެކު މާލީގޮތުންއައި ކުރިއެރުންވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން އެއަރލައިންގެ ޢާމްދަނީ 2013 ވަނަ އަހަރާ އަޅައިބަލާއިރު 2017 ވަނަ އަހަރު 98 އިންސައްތައިގެ ކުރިއެރުމެއް ޙާސިލްކޮށްފައިވާކަން އެކުންފުނިންވަނީ ފާހަގަކޮށްފައެވެ.

"5 އަހަރުތެރޭ މިއައި އެކްސްޓެންޝަނާއެކީ އަޅުގަނޑުމެންގެ ކުންފުނީގެ ފައިނޭންޝިއަލް ޕަރފޯރމަންސްވެސް ދަނީ ހަމަ އިންޕްރޫވްވަމުން. އެގޮތުން ފުރަތަމަ ކަމަކަށް ރެވެނިއު ބަލާކަމުގައި ވަންޏާ ރެވެނިއު 2013 އާއި އަޅާބަލާއިރު 2017 ބަލާއިރު އެބައާދޭ %98 އިންކުރީޒްއެއް."

ހުސައިން ޝަފްއަތު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މާކެޓިންގ މެނޭޖަރ ޝަމާ ބުޝްރީ ވިދާޅުވީ، ފާއިތުވި 5 އަހަރުގެ ތެރޭގައި ވަނީ އެއެއަރލައިނުން ދަތުރުކުރާ ބައިނަލްއަޤްވާމީ މަންޒިލްތަކުގެ ޢަދަދު 6 އަކަށް އިތުރުކޮށްފައިކަމަށެވެ.

"ދިވެހިންނަށް މިހާރު މެޑިކަލް އާސަންދައިގެ ފެސިލިޓީސްތައް މިހާރު މޯލްޑިވިއަން ހޮލިޑޭސް ވަންސްޓޮޕް ޝޮޕްގެ ދަށުން އެޚިދުމަތް ދެމުންއެދަނީ. އޭގެމާނައަކީ ފަތުރުވެރިންނަށް މިހާރު ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންއެދަނީ. އެއްފުރާޅެއްގެ ދަށުން އެޚިދުމަތްތައްވެސް ލިބިގެންދާތީ. އޭގެއިތުރުން 2013 އާއި 2015 ގައި 2 އެއަރޕޯޓެއް. އަޅުގަނޑުމެން ފުލައިޓް އޮޕަރޭޝަންގެ އިތުރުން އެއަރޕޯޓް މެނޭޖްމަންޓް ނަގައިގެން މިއުޅެނީ."

ޝަމާ ބުޝްރީ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވިއަންގެ ހެޑް އޮފް ޓްރެއިނިންގ އެންޑް ސްޓޭންޑަޑްސް، ކެޕްޓަން މުޙައްމަދު ޝިނާޒް ވިދާޅުވީ، 2013 ވަނައަހަރު ޤައުމީ އެއަރލައިންގެ ފުލީޓްގެ ޢަދަދަކީ 7 އެއަރކްރާފްޓްކަމަށެވެ. ނަމަވެސް މިއަދު މިޢަދަދު 23 އަށް އިތުރުވެފައިވާކަމަށެވެ. މޯލްޑިވިއަންނަށް މިހާބޮޑު ކުރިއެރުމެއް މިއައީ ފާއިތުވި 5 އަހަރުގެ ތެރޭގައިކަން ކެޕްޓަން ޝިނާޒް ފާހަގަކުރެއްވިއެވެ.

"2013 ގައި އަޅުގަނޑުމެންގެ ޕްލީޓްގެ އަދަދަކީ 7 އެއަރކުރާފްޓް އިނގޭތޯ؟ 7 އެއަރކުރާފްޓުން މިއަދާ ހަމައަށް މިހާރު ޓޯޓަލް 23 އެއަރކްރާފްޓް އެބައޮތް. 2 ބޯޓަކީ އޭ320 މަރުކާގެ ބޯޓު ދެން 11 ސީޕުލޭން، އަދި 10 ޑޭސް8 ގެ ބޯޓު މިވަގުތު އަޅުގަނޑުމެންގެ އަތުގައި އެބައޮތް. ހުރިހާ ކުރިއެރުންތަކެއްވެސް މިއައީ ވޭތުވެދިޔަ 5 އަހަރެއްގެ ތެރޭގައޭ ބުންޏަސް ދޮގަކަށް ނުވާނެ."

ކެޕްޓަން މުޙައްމަދު ޝިނާޒް ވިދާޅުވިއެވެ.

ޤައުމީ އެއަރލައިންގެ ކުރިއެރުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވިއަންގެ އިންޖީނިއަރ މުޙައްމަދު ލީމާން ލުތުފީ ވިދާޅުވީ، މޯލްޑިވިއަންގެ ޚިދުމަތްތަކުގެ ތެރެއިން ސީޕްލޭން ބޭސްއެއް އުފެދިގެން އައިއިރު ހުރިހާ ދާއިރާއަކުންވެސް ވަޒީފާގެ ފުރުސަތު މިހާރު އެއެއަރލައިންގައި ހުޅުވިފައިވާކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާ ބޭރުގެ އެއަރލައިންތަކުގެ އެއަރކުރާފްޓްތައް އަޅުގަނޑުމެން މިހާރުމިދަނީ އެ އެއަރކްރާފްޓަތަކަށް ފުލައިޓް މެއިންޓަނަންސްގެ ޙިދުމަތް ފޯރުކޮށްދެމުން. އެގޮތުން އޭގައި ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކޮށްދިނުމާއި، ޓްރާންސިޓްގައި މިއިންނަ ޕައިލެޓާއި ގުރައުންޑާއި އިންނަ ކޮމިއުނިކޭޝަންގެ އިތުރަށް، އެބޭފުޅުންގެ ސްޓޮކް މިކޮޅުގައި ސްޕެއަރ މެއިންޓެއިން ކޮށްދެން."

މުޙައްމަދު ލީމާން ލުތުފީ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ޚިދުމަތް މިހާރަށްވުރެވެސް އިތުރަށްފުޅާކޮށް ދިވެހިންގެ ފަޚުރުވެރި ޤައުމީ އެއަރލައިންގެ ގޮތުގައި ކުރިއަށްދިއުމަށް ގިނަމަސައްކަތްތަކެއް ކުރަމުންދާކަން އެކުންފުނިން ފާހަގަކުރެއެވެ.