ޚަބަރު

ކުރެންދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި


ޅ.ކުރެންދޫ ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތާއި އއ.ބޮޑުފުޅަދޫ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ ސަރވޭއާއި ޑިޒައިންގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް، އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމެންޓް މިނިސްޓަރ ތޯރިޤް އިބްރަޙީމްއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް ފަޒުލް ރަޝީދުއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވީ މިހާރު ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ރަށްތަކުގެތެރެއިން 6 ރަށެއްގެ ނަރުދަމާގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާނެކަމަށެވެ. އަދި މިއާއިއެކު ރަށްރަށުގައި ނަރުދަމާ އެޅުމުގެ 75 އިންސައްތަ މަސައްކަތް އެއްކޮށް ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިސާރުކާރު އައިއިރު ރާއްޖޭގައި ނަރުދަމާ އަޅާފައިއޮތީ 31 ރަށުގައި. އެއީ ތިރީސް އެތަށް އަހަރަކުން ކުރެވުނު މަސައްކަތް. އެކަމަކު މި ސަރުކާރުގެ ފަސް 5އަހަރުތެރޭ 31 ނަރުދަމާގެ މަސައްކަތް އެ ނިމެނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދް ވިދާޅުވީ މި 5އަހަރުގެ ތެރޭގައި އެ ކުންފުނިން 55 މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

"މި ދެ ރަށުގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް 12 ގަޑިއިރުގެތެރޭގައި އެ ރަށްތަކަށް ގެންދަން ފަށާނަން. މަޝްރުޢޫގެ މަސައްކަތް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމާނަން" ފަޒުލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ މިދާއިރާގެ މެމްބަރުކަން އިދިކޮޅު ޕާޓީތަކުގެ މެންބަރުން އަދާކޮށްފައިވާއިރު އަތޮޅުގެ ތަރައްޤީއަށް މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާކަމަށެވެ.

"އިބްރާޙީމް މުޙައްމަދު ސޯލިޙްއަކީ ޅ.އަތޮޅު 15އަހަރު ތަމްސީލްކުރި މީހެއް. އެމީހުންނަށްވެސް ފުރުސަތުލިބުނު އަތޮޅު ތަރައްޤީކުރަން. ނަމަވެސް ވަރަށް ހިތާމަޔާއިއެކު ފާހަގަކުރަން، ނަރުދަމާފަދަ އަސާސީ ޙިދުމަތްތައް ޤާއިމުވެފައިނެތުމަކީ ވެފައިވާ ވަރަށް ބޮޑު އިހުމާލެއް." ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވަކި ރަށަކަށް ބެލުމެއް ނެތި މުޅި ޅ.އަތޮޅު ތަރައްޤީކޮށްފައިވާކަމަށެވެ.

އެމްޑަބްލިޔުއެސްސީއާ ޙަވާލުކުރެވުނު ޅ.ކުރެންދޫ ނަރުދަމާ މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރުޢެކެވެ. އެމް.ޑަބްލިއު.އެސް.ސީއާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އއ.ބޮޑުފުޅަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ ސަރވޭއާއި ޑިޒައިން މަސައްކަތަކީ އެމް.ޑަބްލިއު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރާ މަސައްކަތެކެވެ.