ޚަބަރު

ރިޔާސީ ބަހުސްއާ ގުޅިގެން ޕީއެސްއެމަށް އަމާޒުވި ފާޑުކިއުންތައް ދޮގުކަން ހާމަވެއްޖެ - އިކްރާމް


އެމްއެންޔޫ ރިޔާސީ ބަހުސަކީ ހަޤީޤަތުގަވެސް ވަރަށް ޢިލްމީ ބަހުސެއްކަން ހާމަވެގެންގޮސްފައިވާކަމަށާއި، ރިޔާސީ ބަހުސަކީ ޕީއެސްއެމުން އިންތިޒާމްކުރާ ވަކިކޮޅަކަށް ޖެހިފައިވާ ބަހުސެއްކަމަށްބުނެ ފަތުރަމުންދިޔަ ވާހަކަތަކަކީ ޙަޤީޤަތެއްނެތް ވާހަކަތަކެއްކަން މިހާރު ހާމަވެގެން ގޮސްފައިވާކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށްދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ ރިޔާސީ ބަހުސް މިއަހަރު ބޭއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ކަމުން، ބަހުސް އިންތިޒާމުކުރުމުގައި ޕީއެސްއެމުން އެއްވެސް ދައުރެއް އަދާކޮށްފައިނުވާކަމަށެވެ. އަދި މި ބަހުސްގައި ޕީއެސްއެމުން އަދާކުރި ހަމައެކަނި ދައުރަކީ ރިޔާސީ ބަހުސް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުންކަން ފާހަގަކުރައްވައި އިކްރާމް ވިދާޅުވީ، މި ބަހުސަކީ ޕީއެސްއެމުން އިންތިޒާމުކުރި ވަކިކޮޅަކަށް ބުރަވެފައިވާ ބަހުސެއްކަމަށް ބުނެ އެކި ފަރާތަކުން ފަތުރަމުންދިޔަ ވާހަކަތަކީ ދޮގު ވާހަކަތަކެއްކަން މިހާރު ހާމަވެފައިވާކަމަށެވެ.

"ޕީއެސްއެމްގެ ހަމައެކަނި ޒިންމާއަކަށްވީ ޤައުމީ ޔުނިވާސިޓީން އިންތިޒާމްކުރެއްވި ބަހުސް ދިވެހިރައްޔިތުންނާހަމައަށް ގެނެސްދިނުން. އަޅުގަނޑުމެންނަކީ އެބަހުސްގެ އެއްވެސް ކަމަކަށް، އޭގެ އިންތިޒާމަކަށް، އޭގެ ސުވާލުތައް ކުރުމަކަށް އަދި އެކަން ރޭވިގެންދިޔަ އެއްވެސްކަމަކަށް ވަތްބައެއް ނޫން. ހަމައެކަނި ކެމެރާތައް ބަހައްޓައިގެން ރައްޔިތުންނަށް އެބަހުސް ދައްކަދިން މީހުން އަޅުގަނޑުމެންނަކީ. އެހެންމަ، އެކަން އެހެން އޮއްވަ އަޅުގަނޑުމެން ކުރާ ކަމަށްކަށް މިކަން ހަދައިގެން، އަޅުގަނޑުމެންގެ ކުންފުނި ނުވަތަ ޕަބްލިކް ސަރވިސް މީޑިއާ ބަދުނާމުވާގޮތަށް ރާއްޖޭގެ އެކި ނޫސްތަކުން، އެކި މީޑިއާތަކުން މީގެ ކުރިން ފެތުރި ވާހަކަތަކަކީ ޒިންމާދާރުކަންކުޑަ ދޮގު ވާހަކަތަކެއްކަން މިހާރު ދިވެހިރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިނގް ޑިރެކްޓަރ ވިދާޅުވިއެވެ.

ޤައުމީ ޔުނިވާސިޓީން ބޭއްވި ރިޔާސީ ބަހުސަކީ ޙަޤީޤަތުގައިވެސް ވަރަށް ޢިލްމީ ބަހުސެއްކަން މިހާރު ހާމަވެގެންގޮސްފައިވާކަމަށާއި، މި ބަހުސް ނިމުމާއެކު، ބަހުސްގައި ބައިވެރިވުމުގެ މުހިންމުކަން ހާމަވެގެންގޮސްފައިވާކަމަށް އިކްރާމް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ބޭއްވި ރަޔާސީ ބަހުސްތަކުގައި އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުން ވާދަކުރެއްވިކަން ފާހަގަކުރައްވައި އިކްރާމް ވިދާޅުވީ ބަހުސްގައި ބައިވެރިވުމަކީ ކޮންމެ ކެނޑިޑޭޓެއްގެ ޒިންމާއެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

"ދުނިޔޭގަ ތަރައްޤީވެ ކުރިއަރާފައިވާ ހުރިހާ ޤައުމެއްގަވެސް އަދި ދުނިޔޭގެ ހުރިހާ ބޮޑެތި ޑިމޮކްރަސީތަކުގަވެސް މިގޮތަށް ބަހުސް ބޭއްވުމަކީ އެއީ ކުރަމުންއަންނަކަމެއް، ގިނަ ޤައުމުތަކުގަ. އަދި މިގޮތަށް ބަހުސެއް ބޭއްވީމަ މިއިން ރައްޔިތުންނަށް މި އެނގިގެންދަނީ ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ވަކިވަކި ސިޔާސަތުތައް. އެބޭފުޅުންގެ ވިސްނެވުންތައް. އެބޭފުޅުން ކޮށްދެއްވާނެކަންކަން. އެހެންމަ ހުރިހާ ކެނޑިޑޭޓުން އެއްތަނެއްގަ ތިބެގެން ރައްޔިތުންނަށް މިކަން ހާމަކޮށްދިނުންއެއީ ޤައުމަށްޓަކާ ކުރާ ވަރަށް މުހިންމުކަމެއް، ރައްޔިތުންނަށްޓަކާ އަދާކުރާ ވަރާށް މުހިންމު ޙައްޤެއް. އަނެއްކާ އެއީ ވަރަށް ޒިންމާދާރުކަމާއެކީގަ ކުރަންޖެހޭ ކަމެއް." އިކްރާމް ވިދާޅުވިއެވެ.

ޤައުމީ ޔުނިވާސިޓީން ބަހުސް ކުރިއަށްގެންދެވި ގޮތަށް ތައުރީފުކުރައްވައި އިކްރާމް ވިދާޅުވީ ރިޔާސީ ބަހުސް މެދުވެރިކޮށް، ވަރަށް ގިނަ ޙަޤީޤަތްތައް ރައްޔިތުންނަށް އެނގިފައިވާކަމަށެވެ. އަދި މިކަމުގައި ޕީއެސްއެމްގެ ހަމައެކަނި ދައުރަކީ މި ބަހުސް ދެއްކުންކަން ދިވެހިރައްޔިތުން މިހާރު ޤަބޫލުކުރާކަމަށް އިކްރާމް ވިދާޅުވިއެވެ.