ޚަބަރު

"ވަޒީފާ ގެއްލި، ޢިނާޔަތްތައް އުނިކޮށްފާނެކަމުގެ ބިރު އުފެދޭގޮތަށް ދައުރުކުރަމުންދަނީ އަސްލު ސިޓީއެއްނޫން"


ވަކި މުއްދަތެއްގެތެރޭގައި އުފައްދާފައިވާ ވަޒީފާތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން ރައީސް ނިންމަވާފައިވާކަން ދެއްކުމަށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އަސްލު ސިޓީއެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން، މިހިނގާ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އުފައްދާފައިވާ ވަޒީފާތައް އުވާލަން ރައީސް ނިންމަވާފައިވާކަމަށާއި، ރިޓަޔަރ ކުރާ އުމުރު 70 އަށް ބަދަލުކުރަން ރައީސް ނިންމަވައި، އަންނަ އަހަރަށް 65 އަހަރުފުރޭ މީހުންނަށް ދޭ ޢިނާޔަތްތައް ބަޖެޓުގައި ނުހިމަނަށް ފިނޭންސް މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީއެއްކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ސިޓީއަކީ ފޭކް ސިޓީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ތަރުޖަމާނު ވަނީ މި ސިޓީއަކީ ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަތަކުން ކޮށްފައިވާ އަމަލެއްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިއީ ވަރަށް ފިނޑި، ދަށު ދަރަޖައިގެ މާޔޫސީ ޢަމަލެއް ގޮތުގައިވަނީ އޭނާ ވަނީ ސިފަކުރައްވާފައެވެ. އެގޮތުން މި ސިޓީގައި ޖަހާފައިވާ ނަންބަރަކީ ރައީސް އޮފީހުން ފޮނުވާ ސިޓީތަކުގައި ބޭނުންކުރާ ނަންބަރެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއްގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އުފެދޭގޮތަށް ޞައްޙަނޫން ސިޓީއެއް ހަދައި މީސްމީޑިއާގައި ދައުރުކުރަން ފަށާފައިވާއިރު ރައީސުލްޖުމްހޫރިއްޔާވަނީ 94 ހާސް ވަޒީފާ އުފެއްދެވުމުގެ ވަޢުދު ފުއްދަވާފައެވެ.

ރިޔާސީ އިންތިޚާބަށް ހަފްތާއަކަށްވުރެ ކައިރިވެފައިވަނިކޮށް ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާއާގުޅޭގޮތުން ހަޤީޤަތާ ޚިލާފު އެކި ވާހަކަތައް ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ފަތުރަމުންނެވެ.