ޚަބަރު

ލޯން އިންޓްރެސްޓް ކުޑަކުރަން އިދިކޮޅުން ވަޢުދުވިއިރު، ސަރުކާރުން އޮތީ އެވަޢުދު ފުއްދާފަ - މިނިސްޓަރ މުޢިއްޒު


އިމާރާތްކުރުމަށް ދުކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކުރާނެކަމަށް އެމްޑީޕީން ވައުދުވެފައިވާއިރު، މިދިޔަ އަހަރުންފެށިގެން އެފަދަ ލޯންތަކުގެ އިންޓްރެސްޓް ރޭޓް ސަރުކާރުން ކުޑަކޮށްފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ މި ވަޢުދަށް ފާޑުވިދާޅުވެ ހައުސިންގ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީން ވެރިކަމަށް ހޮވިއްޖެނަމަ ކުރާނެކަމަށް ވެފައިވާ ވަޢުދަކީ 2017 ވަނަ އަހަރުން ފެށިގެން ޤަވާޢިދެއްގެ ދަށުން މި ސަރުކާރުން ތަންފީޒު ކުރަމުންދާ ކަމެއް ކަމަށެވެ. އަދި މި ޤަވާޢިދުގެ ދަށުން މިހާތަނަށް 120 ފަރާތަކަށް ލޯނު ލިބޭނެ މަގުފަހިކޮށްދީފައިވާއިރު، 54 ލޯނަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެރެންޓީ ދީފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓްތައް 5 އިންސައްތައާއި 6 އިންސައްތައާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފައިވާއިރު، އިކުއިޓީ ގެ ގޮތުގައި ބަހައްޓަން ޖެހެނީ 5 އިންސައްތަ ކަމަށްވެސް މިނިސްޓަރުގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެކި ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ވަމުންދާ ބައެއް ވަޢުދުތަކަކީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ފުއްދައިދީފައިވާ ވަޢުދުތަކެއްކަން މީގެ ކުރިންވެސް ބައެއް ވަޒީރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިފަދަގޮތަކަށް ވަޢުދުތައް ވަމުންދާއިރު އާންމުންގެ ފާޑުކިއުންވެސް އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ.