ޚަބަރު

ރިޔާސީ ބަހުސް 2018 : އިދިކޮޅު ކެންޑިޑޭޓާ ނުލައި މިރޭ ބަހުސް ކުރިއަށްގެންދަނީ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ "ރިޔާސީ ބަހުސް 2018" މިރޭ އޮންނާނެއެވެ. ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު، އެންމެ ފުރަތަމަ ޤަބޫލުފުޅުކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނުވަނީ ރިޔާސީ ބަހުސްއަށް ފުރިހަމަ އެއްބާރުލުންދެއްވާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙު މިފަހަރުގެ ރިޔާސީ ބަހުސްގައި ބައިވެރިވަޑައިގަތުމަށް ނިންމެވުމަށްފަހު، ފަހުން ވަނީ އެ ނިންމެވުން އަނބުރާ ގެންދަވާފައެވެ.

ރިޔާސީ ބަހުސްއާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ވިދާޅުވީ، މި ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު މެންދުރު 12 ޖެހުމާއި ހަމައަށް އެ ޔުނިވަރސިޓީއިން ހުޅުވާލިކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ކެނޑިޑޭޓް ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިނުގަތުމުގެ ސަބަބުން ބަހުސް ކުރިއަށްގެންދިއުމަށް ރޭވި ގޮތާއި ސުވާލުކުރުން ކުރިއަށްގެންދާގޮތަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

ފަވާޒް ވިދާޅުވީ ރިޔާސީ ބަހުސްއަކީ ކުރިއަށްއޮތް 5 އަހަރުގެ ދަޢުރަކަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްކުރައްވާ ކެންޑިޑޭޓުންގެ ވަނަވަރާއި، އެބޭފުޅުންގެ ޢިލްމީ ތަޖުރިބާާއާއި ޤައުމުގެ ކުރިމަގާމެދު އެބޭފުޅުން ގެންގުޅުއްވާ ތަޞައްވުރާއި، ތަރައްޤީގެ ޗާޓު އާއްމުންނަށް ދައްކާލުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށެވެ.

ރިޔާސީ ބަހުސަކީ ޢިލްމީ އަދި ހުރިހާ ގޮތަކުންވެސް ރައްޔިތުން ބަލައިގަންނަ ބަހުސަކަށް ހެދުމަށްޓަކައި ބަހުސްގެ ސުވާލުތައް ތައްޔާރުކުރުމާއި، ކެންޑިޑޭޓުންނާ ގުޅުންހުރި ކަންކަމުގެ މުޢާމަލާތު ކުރުމާއެކު، ބަހުސް ހުށައަޅާނެ ފަރާތެއްވެސް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީންނެވެ. މި ފަހަރުގެ ރިޔާސީ ބަހުސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ރިޔާސީ ކެނޑިޑޭޓްގެ ބަހުސް މިރޭ 09 ޖަހާއިރު އޮންނަ އިރު، މެނިފެސްޓޯ ބަހުސް މި ހަފުތާގެ ފަހުކޮޅު ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް ދިވެހި ޤައުމީ ޔުނިވަރސިޓީއިން ބުނެއެވެ.

ރިޔާސީ ބަހުސްއަކީ ހުރިހާ ޤައުމެއްގައި، ރިޔާސީ ކެންޑީޑޭޓުން މުހިއްމު ސަމާލުކަމެއް ދެއްވާ ބައިވެރިވާ ކަމެކެވެ. އަދި ރިޔާސީ ބަހުސްގައި ބައިވެރިނުވުމަކީ ޒިންމާދާރުކަން ކުޑަ ކަމެކެވެ.

"އެމްއެންޔޫ ރިޔާސީ ބަހުސް 2018" ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.