ޚަބަރު

ފިލިޕީންސަށް އެރި ތޫފާނުގައި މަރުވި މީހުންގެ ޢަދަދު 25 އަށް


ފިލިޕީންސަށް އެރި ބާރުގަދަ ތޫފާން މަންކުޓްގެ ސަބަބުން ހިނގި އެކި ޙާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ފަންސަވީހަށް އަރައިފިއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ އެ ޤައުމުގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައިކަމަށް، ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މި ހާދިސާތަކުގައި އިތުރު 13 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ތޫފާނުގެ ސަބަބުން 5.7 މިލިއަން މީހުންނަށް އަސަރުކޮށްފައިވާކަމަށް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް އެ ސަރަޙައްދު އޮތީ ތޫފާނަށް ތައްޔާރުވެގެން ކަމަށާއި މިފަދަ ނުރައްކާތެރި ޙާދިސާއަކަށް ތައްޔާރުވެގެން ތިބިނަމަވެސް ގެއްލުންލިބުމަކީ އެކަށިގެންވާ ކަމެއްކަމަށް އެ އިދާރާތަކުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ތޫފާނު މިހާރު ވަނީ ޗައިނާ އާއި ހޮންގްކޮންގަށް މިސްރާބު ޖަހާފައެވެ. މިއަދުގެ ވަގުތެއްގައި ތޫފާން އަރާނެކަމަށް ލަފާކޮށް، ހަޮންގްކޮންގްގެ ބައިނަލްއަޤްވާމީ ވައިގެބަނދަރުގެ ގިނަ ފްލައިޓްތަކެއްވެސް ވަނީ ކެންސަލްކޮށްފައެވެ.