ޚަބަރު

ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ރޭސިންގ ޓްރެކެއް ޤާއިމްކުރާނަން - ރައީސް


ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ރޭސިންގ ޓްރެކެއް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ވިލިމާލޭގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ހާސިލްކުރި ކާމިޔާބީއަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ވިލިމާލެ މުހްޔިއްދީން ސްކޫލްގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ކާމީޔާބީއާއެކު ކުޑަ ޤައުމަކުން މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް މިދެއްކީ ނަމޫނާއެއްކަމަށެވެ.

ޤައުމީ ޓީމްގެ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވަމުން ރައީސް ވިދާޅުވީ، މި ކާމިޔާބީން ދައްކުވައިދެނީ ކަމަކަށް ގަދައަޅައި މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަމުގެ މިސާލުކަމަށެވެ. ދިވެހި ޤައުމީ ޓީމުން އުފާވެރިކަން ގެނެސްދޭއިރު މިއަހަރަކީ ރައްޔިތުންނަށް އުފާވެރި އަހަރަކަށް ވާންޖެހޭކަމަށް އެމަނކިފާނު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ކުޅިވަރުކުޅޭ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ގިނަ ކަންތައްތަކެއް މިސަރުކާރުން ކޮށްފައިވާކަމަށާއި، އެކަމުގެ ނަތީޖާ ފޮނިކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތައް ޒުވާނުން ރަނގަޅަށް ބޭނުންކުރާކަން ހާމަވެއްޖެކަމަށާއި، މި ސަރުކާރުން ކުޅިވަރުގެ ދާއިރާއިން ކޮށްފައިވާ ބައެއް މަސައްކަތްތައް ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން އެންމެފުރަތަމަ ޤައުމީ ސްކޮޑަށް މުސާރަ ދޭންފެށީވެސް އެމަނިކުފާނުގެ ސަރުކާރުންކަށާއި، ފުރަތަމަފަހަރަށް ކުޅިވަރާ ބެހޭ ޤާނޫނެއްވެސް އެކުލަވާލީ މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އޮފީސްތަކާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒފުންނަށް ތަމްރީނަށް ފުރުސަތުދިނުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅިވަރުގެ ރޮނގުން 30 ސްކޯލާޝިޕް ދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ޤައުމުގެ ހިތްވަރުން ދައްކުވައިދެނީ ދަތުރުކުރަން ވަކި ދުރުމިނެއްނެތި އަމާޒު ހާސިލްވާނެކަންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާޅާ އެޅުމަކީ ޒުވާނުންގެ ބޮޑު ޝަޢުގުވެރިކަމެއް އޮތް ދާއިރާއެއްކަމަށާއި، އެފަރާތްތަކަށް ބައިނަލްއަޤްވާމީ މުބާރަރްތަކުގައި ވާދަކުރުމަށް ވަސީލަތް ފޯރުކޮށްދޭންޖެހޭކަމަށެވެ. އެކަމަށްޓަކައި މާލެއަތޮޅު ތަނބުރުދޫގައި ރާޅާއެޅުމުގެ ފުރުސަތު މިހާރު ފަހިކޮށްދީފައިވާތާ އަހަރެއްވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ތަނބުރުދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ރަނަގަޅު އިންވެސްޓެއް އައިކަމަށާއި، ނަމަވެސް އެކަމަށް ފުރުސަތު ނުދީ ރާޅާ އަޅާތަނެއްގެ ގޮތުގައި އެތަން ބޭއްވުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

ރައީސް ޔާމީންވަނީ ތަނބުރުދޫއަކީ ޒުވާނުންނަށް އެކޮމޮޑޭޓްކުރެވޭނެ އަދި އެހެންވެސް ވަސީލަތްތައް ހުރިތަކަށް ހަދާނެކމަށެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ ރޭސިންގ އަކީވެސް ޒުވާނުންގެތެރޭ ކުރިއަރަމުންއަންނަ އަދި ވަރަށް ބޮޑު ޝައުގެއް އޮތް ކުޅިވަރެއްކަން ފާހަގަކުރައްވައި އެކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރޭސިންގގައި އުޅޭ ޒުވާނުންނަށް ވިލިމާލެ 2 ގައި ބައިނަލްއަޤްވާމީ ފެންވަރުގެ ރޭސިންގ ޓްރެކެށް ޤާއިމްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، އެމަނކުފާނު ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެ ވަޑައިގެންފިނަމަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ހުރިހާ ދަނޑުތައް ޓާފް ދަނޑުތަކަށް ހައްދަވާނެކަމަށެވެ. އަދި ރަށްރަށުގައިހުރި ކުދި ދަނޑތައް ބޮޑެތި ދަނޑުތަކަށް ހަދާނެކަމަށްވެސް ރައީސް ޔާމީން ވަނީ ޒުވާނުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.