ޚަބަރު

ރިޔާސީ އިންތިޚާބަކީ ތަރައްޤީގެ އެންމެ އުސްމިނަށް ދާނެ ފުރުސަތަށް ހައްދަވާ - ރައީސް


ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ހަތަރު ފަސް މީހަކު ޖަލުން މިނިވަންކުރާ އިންތިޚާބަކަށް ނުހަދައި ތަރައްޤީގެ އެންމެ އުސްމިނަށް ދާން ފުރުސަތުދޭ އިންތިޚާބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނުމިކަމަށް ގޮވާލެއްވީ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިމަހު އޮންނަ ރިޔާސީ އިންތިޚާބަކީ ދިވެހި ރައްޔިތުންނަށް ތަނަވަސްކަން ގެނުވައި އުފަލާއެކު ރައްޔިތުން އުޅުމަށް ޖާގަދޭ އންތިޚާބަކަށް ހަދަންޖެހޭކމަށެވެ. އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ރައްޔިތުންނަށް ނުފުދިހުރި ކަންކަން ފުއްދަވައިދެއްވުމަށްކުރާ މަސައްކަތްކަމަށާ، މިއީ ދިވެހިންގެ ޙާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތްކމަށެވެ.

ރާއްޖޭގެ ހާލަތު ބަދަލުކުރުމަށް ބޭރުން ބަޔަކު ނާންނާނެކަމަށާ، ރައްޖެއަކީ ޓެކްނޮލޮޖީގެގޮތުން ކުރިއަރާ ޤައުމަކަށްވުމަށް ޖާގަދޭންޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިއަށް އޮތް އިންތިޚާބަކީ ހަތަރު ފަސްމީހުން ޖަލުން މިނިވަންކުރާ އިންތިޚާބަކަށް ނުހަދައި ތަރައްޤީގެ އެންމެ އުސްމިނަށް ދާން ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިއަށްއޮތް ފަސް އަހަރުގެ ރިޔާސީ ދައުރުގައި އެމަނިކުފާނު ގެންގުޅުއްވާ ބައެއް ތަސައްވުރު ހާމަކުރައްވާފައެވެ. އަދި ރައީސް ޔަމީން ވިދާޅުވީ، އެމަނކިފާނު އިޢުލާންކުރައްވާފައިވާ ހިޔާ އެކޮމްޕްލިޝް މަޝްރޫޢު ނިމިގެންދާއިރު ވިލިމާލެ 2 ގައި ތިންލައްކަ ފަނަރަހާސް މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. އެއީ އުއްމީދު ޙާސިލްކޮށްދޭނެ މަޝްރޫޢުއެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިކަމުގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށްދާއިރު، ހުރިހާ މާނައެއްގައި މިނިވަން އަޅުގަނޑުމެން ބަޔަކަށްވާނެކަމަށެވެ.

ޒުވާނުންނަކީ އަބުރުވެރިބަޔަކަށް ހެދުމަށް އެންމެ ފުރަތަމަ ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށާ، ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢާއެކު ޒުވާނުންނަކީ ތަނަވަސް އުޖޫރައެއް ލިބޭ ބަޔަަށް ހައްދަވަނެކަމަށެވެ. މުޅި އިޤްތިޞާދު ބިނާވަނީ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށްކަށާ، މި މަޝްރޫޢާއެކު ގެދޮރުވެރިކަން ނެތް ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަޤީންވާއިރު އެއީ އުއްމީދުން ފުރިގެންވާ މަދީނާއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައްޔިތުންގެ އުއްމީދު ހާސިލްކޮށްދޭނީ ހުޅުމާލެ 2 އާއި ވިލިމާލެ 2 އިން ކަމަށާއި، ވިލިމާލެ 2 އެއީ އިންޓެގްރޭޑެޓް ކޮންސެޕްޓެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ތިލަފުށި ގުޅިފަޅު ވިލިނގިނލި އަދި މާލެ ބްރިޖަކުން ގުޅުވާލާނެކަމަށް ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވަމުން ވިދާޅުވީ، ތިލަފުށީގައި ހުރިހާ ވަސީލަތްތަކާއެކު ބައިނަލްއްޤްވާމީ ބަނދަރެއް އުފައްދާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކޮންމެ ރަށެއަގައި ވަކި މަޝްރޫޢެއް އިޢުލާންނު ކުރެވިދާނެކަމަށާ، ނަމަވެސް ހުރިހާ ގިންތިތަކަށް ހުރިހާ ދާއިރާތަކެއް ހިމެނޭހެން ހުރިހާ ހިސާބަކަށް ތަރައްޤީ ގެނައުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭނެކަމަށެވެ. އެ މަޝްރޫޢުތަކުގައި ވަކިރަށަކަށް ވަކި ގޮތެއް ނޯންނަނާކަމަށާ ކުދިރަށްތަކާއި ބޮޑެތި ރަށްތައް އެކަހެރިނުވާނެކަމުގެ ޔަޤީންކަން ރައިސް ޔާމީން ދެއްވިއެވެ. މިސަރަހައްދުގައި އޮތް އެންމެ ފަޚުރުވެރި ތަނަވަސް ޤައުމަށް ރާއްޖެ ހަދަން އެމަނކިފާނު ބޭނުންފުޅުވާކަމަށާ ޒަމާނީ ދައުލަތަކަށް ހަދަން ބޭނުންފުޅުވާކަމަށްވެސް ވިދާޅުވިއެވެ. ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.