 
					
									
			ނުވަ އަހަރަށްފަހު ސާފުސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ދިވެހިރާއްޖެ ހޯދައިފިއެވެ.  ބަންގްލަދޭޝްގެ ބަންގްބަންދު ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ޗެންޕިއަންކަން ރާއްޖެ ހޯދީ އިންޑިޔާގެ މައްޗަށް ދެ ލަނޑު އެއް ލަނޑުން ކުރިހޯދާއިގެންނެވެ. 
މި މެޗުގައި ރާއްޖެއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ އެކާވީސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހަސަނެވެ. މި މެޗުގެ ތިރީސް ހަތްވަނަ މިނެޓުގައި ޤައުމީ ޓީމުގެ ކެޕްޓަން އަކުރަމް ޢަބްދުލްޣަނީއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް ނޫމާނެވެ. 
މެޗުގެ ދެވަނަ ހާފުގައި އިންޑިއާއިން ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އިންޑިއާގެ އިން ފޮނުވާލި ގިނަ ހަމަލާތަށް ރާއްޖޭގެ ކީޕަރ މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ރާއްޖޭއިން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަކްރަމްގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ޢަލީ ފާސިރެވެ. 
އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ދަނޑުގެ މެދެއްހާ ހިސާބުން ހަމްޒާ މުޙައްމަދު ދިން ރީތި ބޯޅަ އަކުންނެވެ. މި މެޗުގައި އިންޑީއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފަސް މިނެޓު ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސްމިތް ޕާސީއެވެ. މިއީ 2008 ގެ ފަހުން ރާއްޖެ މި މުބާރާތުގެ ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.