ޚަބަރު

ވަޒީފާގެ ހަޤީޤީ ބިރު އޮތީ އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯގައި - މިނިސްޓަރ ނާޡިމް


ޒުވާނުންނަށް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯކަމަށާއި، ވަޒީފާގެ ހަޤީޤީ ބިރު އޮތީ އެފަރާތްތަކުން ގެންގުޅޭ މެނިފެސްޓޯގައިކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީ.ޕީ.އެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ނާޡިމް ވިދާޅުވީ، މި ސަރުކާރުން ޒުވާނުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި، ކުރިއަށްދާނެ މަގު ދައްކައިދޭން ކެރިވަޑައިގެން ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަން ޚުދު ޒުވާނުންވެސް ޤަބޫލުކުރާކަމަށާއި، އެފަދަ ވާހަކަތަކަކީ، އަމިއްލަ މަންފާއެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން ކެމްޕެއިންގެ ތެރެއިން ފަތުރަމުންދާ ވާހަކަތަކެއްކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯއަށް ފާޑުވިދާޅުވެ މިނިސްޓަރ ނާޡިމް ވިދާޅުވީ، ވަޒީފާގެ ހަޤީޤީ ބިރު އޮތީ އިދިކޮޅު ފަރާތްތަކުން ގެންގުޅޭ މެނިފެސްޓޯގައި ކަމަށެވެ. އެގޮތުން ސަރުކާރު ކުންފުނިތަކާއި މުއައްސަސާތައް ކުޑަކުރުމަށް އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން، ކުންފުނިތަކުގެ ހިންގުމުގެ ނިޒާމަށް ބުރުއަރާ، އެތަކެއް ޒުވާނުންނެއްގެ ވަޒީފާ ގެއްލިގެންދާނެކަން ހެލްތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ޅ. އަތޮޅުގެ ރައްޔިތުންގެ ތާޢީދު އޮތީ އިދިކޮޅު ފަރާތްތަކަށްކަމަށް ދެއްކުމަށް އެފަރާތްތަކުން ކިތަންމެ މަސައްކަތްތަކެއް ކުރިނަމަވެސް، ހަޤީޤަތަކީ މިއަދު ޅ. އަތޮޅުގެ ރައްޔިތުން ތިބީ މި ސަރުކާރުން ގެންނަމުންދާ ތަރައްޤީ ބަލައިގަނެ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ. ޝިޔާމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ފައިސާގެ ނުފޫޒު އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންކުރަމުންދާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ބޮޑުތަނުން ބަލިކޮށް، ރައީސް ޔާމީން 2 ވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެކަމަށެވެ.

ޕީ.ޕީ.އެމުން ބުނީ ކެމްޕެއިން ހަރަކާތްތަކުގެ ސުލްހަވެރިކަން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާ އެޕާޓީއަށް ލިބެމުންދާކަމަށެވެ. އަދި މިއީ ޑިމޮކްރަސީގެ ރޫޙާ ޚިލާފަށް ހިންގާ ކަންތައްތައް ކަމަށާއި، އެފަދަ ކަންކަން ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ކުރާނެކަމަށްވެސް ޕީ.ޕީ.އެމުން ވަނީ ބުނެފައެވެ.