ޚަބަރު

މާޔޫސްނުވެ ހިތްވަރާއެކު މެޗަށް ނުކުތުމަށް އެދިވަޑައިގެން ޤައުމީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި


ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗުގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޤައުމީ ޓީމަށް ހިތްވަރުދެއްވާ ކާމިޔާބު ހޯއްދެވުމަށް އެދިވަޑައިގެންފިއެވެ.

ރައީސް ޔާމިން ޤައުމީ ޓީމަށް ހިތްވަރު ދެއްވާ ކާމިޔާބުހޯއްދެވުމަށް އެދިވަޑައިގެންފައިވަނީ، މިހާރު ޕީއެސްއެމްގެ ޓީވީއެމް އާއި ޔެސްޓީވީން ކުރިޔަށްގެންދާ ސާފް ސުޒުކީ ކަޕްގެ ޕްރި ޝޯގެ ތެރެއިން ޤައުމީ ޓީމުގެ ކެޕްޓަން އަކުރަމް ޢަބްދުލްޣަނީ އަށް ފޯނުން ގުޅުއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވަނީ ޤައުމީ ޓީމް އިތުރު ހިތްވަރާއެކު މިރޭގެ މެޗަށް ނުކުތުމަށް އެދިވަޑައިގެންފައެވެ. އަދި މާޔޫސްނުވެ ހިތްވަރާއެކު ކުރިއަށްދިއުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.


ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ އާ ކޯޗު ޓީމު އަލުން އެކުލަވާލިފަހުންވެސް ޤައުމީ ޓީމާ ބައްދަލުކޮށް ހިތްވަރު ދެއްވާ މި މުބާރާތުގެ ތަށި ހޯއްދަވައިގެން އެނބުރި ޤައުމަށް އައުމަށް އެދިވަޑައިގެންފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކުގެ އަގު ސަރުކާރުން ގެންދަނީ ވަޒަންކުރަމުންނެވެ.