ޚަބަރު

ގދ. ފަރެސްމާތޮޑާ އެއަރޕޯޓްއެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި


ގދ. ފަރެސްމާތޮޑާ އެއަރޕޯޓްއެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ދުބާއީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ގަލްފު ކޮބްލާ ކުންފުނިން ކުރިއަށް ގެންދިޔަ ނަމަވެސް ބިން ހިއްކުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވަނީ އެމް.ޓީ.ސީ.ސީންނެވެ.

އެގޮތުން މި މަސައްކަތް ކުރުމުގައި ބޭނުންކުރަމުންދަނީ އެމް.ޓީ.ސީ.ސީގެ އެންމެ ބޮޑު އެންމެ ބޮޑު ކަޓަރ ސަކްޝަން ޑްރެޖަރ "ޖޭ3" އެވެ. މި ޑްރެޖަރަކީ ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ހެކްޓަރެއްގެ ބިން ހިއްކުމުގެ ޤާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ. މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާ އެއަރޕޯޓު އެޅުމަށް އެރަށުގެ ފަޅުން 19.8 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި ބިން ހިއްކުމުގެ އިތުރުން، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 888 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއްވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ގދ. ފަރެސްމާތޮޑާ އެއަރޕޯޓު މަޝްރޫޢުގެ ދަށުން 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭއަކާއި، އޭޕްރަންއަކާއި ޕެސެންޖަރ ޓާމިނަލެއް އެރަށުގައި އަޅާނެއެވެ. މިއީ ހުވަދު އަތޮޅުގައި ސަރުކާރުން ތަރައްޤީކުރާ 4 ވަނަ އެއަރޕޯޓެވެ.

4 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ސަރުކާރުން ތަރައްޤީކުރާ މި އެއަރޕޯޓުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބި، ހުވަދު އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ފަރެސްމާތޮޑާގެ އިތުރުން ގދ. މާވަރުލުގައިވެސް ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.