ޚަބަރު

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓަރސްއަށް ކިޔަވަން އެމް.އެމް.އޭއިން ސްކޮލަރޝިޕް ދެނީ


އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީއަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމް.އެމް.އޭއިން ހުޅުވާލި މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަޖެހޭ ޝަރުތުތަކުގެ ތެރޭގައި އިކޮނޮމިކްސް، ބިޒްނަސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ފަދަ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ބީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން ހިމެނެއެވެ.

މި ސްކޯލަރޝިޕަށް ހޮވޭ ފަރާތެއް ކަނޑައަޅުމުގައި ބޭންކިންގ ނުވަތަ ފައިނޭންސްއާއި ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޟިލްކޮށްފައިވާ ފަރާތްތަކާއި، އެދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި މި ފުރުޞަތުގެ ދަށުން ކިޔަވަންދެވޭނީ އާސިއާން ނުވަތަ މެދުއިރުމަތީގެ ޤައުމަކަށް ކަމަށާއި، ކިޔެވުން ފުރިހަމަކުރަންވާނީ އެ އެމް.އެމް.އޭއިން ކަނޑައަޅާ ޔުނިވަރސިޓީއަކުން ކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ.

މި ސްކޯލަރޝިޕަށް ހޮވޭ ފަރާތަށް ޓިއުޝަންފީ، ކިޔެވުން ހަމަޖެހޭ ޤައުމަކަށް ދެކޮޅު ޓިކެޓާއި ވިސާ ފީ، ސްޓައިޕެންޑް، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް އަދި ޑިޕާރޗަރ އެލަވަންސް އެމް.އެމް.އޭއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޯސް ފުރިހަމަ ކުރުމަށްފަހު 4 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް މި އެމް.އެމް.އޭއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އެއޮތޯރިޓީން ވަނީ ހުޅުވާލާފައެވެ.