ޚަބަރު

ރާއްޖޭގެ ކަނޑުތަކުން މަސްބޭނުމުގެ ލައިސަންސެއް ބޭރުގެ އުޅަނދުތަކަށް ނުދެން - ފިޝަރީޒް މިނިސްޓަރ


ރާއްޖޭގެ ކަނޑުތަކުގައި މަސްބޭނުމުގެ ލައިސަންސް އެއްވެސް އިރެއްގައި ބޭރުގެ އެއްވެސް އުޅަނދަކަށް ދީފައިނުވާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝައިނީއަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީި 2005 ވަނަ އަހަރުން ފެށިގެން ބޭރުގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަންކުރުން މަނާކޮށްފައިވާކަމަށެވެ. އަދި މިސަރުކާރުން ހުއްދަދީގެން މަސްވެރިކަންކުރާ ބޭރުގެ އެއްވެސް ބޯޓެއް ނޯންނާނެކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.

ބޭރުގެ އުޅަނދަކަށް ލައިސަންސް ދީފައިނުވާކަމަށް ސަރުކާރުން ބުނާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙްވަނީ ރާއްޖޭއިން މަސްބާނާ ބޭރުގެ އުޅަނދުފަހަރުގެ ލައިސެންސް އިތުރުނުކުރައްވާނެކަމަށް ވިދާޅުވެ ވަޢުދުވެވަޑައިގެންފައެވެ.

މިކަމާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ.ޝައިނީ ވިދާޅުވީ ރާއްޖޭގައި އެއްވެސް ބޯޓެއް ރަޖިސްޓްރީ ކުރެވިފައިނުވާއިރު އިދިކޮޅު ފަރާތްތަކުން ބޯޓުތަކުގެ ލައިސެންސްތައް ހުއްޓުވާނެކަމަށް ބުނާ ބުނުމުން ދޭހަވެގެންދަނީ އިދިކޮޅު ފަރާތްތަކުން ވެވަޑައިގަންނަވާ ވަޢުދުތަކަކީ އެއްވެސް ތާކުން ތާކުނުޖެހޭ ވަޢުދުތަކެއްކަމަށެވެ.

ރާއްޖޭގައި ތިބި ބޯޓުތަކުގެ ލައިސަންސް އިތުރުނުކުރައްވާނެކަމަށް އިބޫ ވިދާޅުވެފައިވާއިރު މީގެކުރިންވެސް އިބޫވަނީ ބޭރުގެ މަސްދޯނިފަހަރަށް ރާއްޖެއިން މަސްކިރާގޮތް ހަދާދޭނެކަަމަށް ވިދާޅުވެފައެވެ. މިކަމާގުޅިގެން ޑރ.ޝައިނީ ވިދާޅުވީ ރާއްޖެއަށް ބޭރުގެ ދޯނިފަހަރު ނުވައްދާ އެއްވެސް ގޮތެއްގައި ރާއްޖޭގައި މަސްކިރޭނެގޮތެއް ނޯންނާނެކަމަށެވެ. އަދި އެމްޑީޕީގެ މިފަދަ ވަޢުދުތަކުން ހާމަވަވެގެންދަނީ އިދިކޮޅު ސިޔާސަތުގައި އެއްވެސް ހަރުދަނާކަމެއްނެތްކަން ކަމަށްވެސް ޑރ.ޝައިނީ ވަނީ ވިދާޅުވެފައެވެ.