ޚަބަރު

އައިސީޓީއަކީ ޤައުމީ މަންހަޖުގައި ހިމެނޭ މަޖުބޫރު މާއްދާއަކަށް ހަދާނަން - ރައީސް


އަންނަ ރިޔާސީ ދައުރުގެތެރޭގައި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އައިސީޓީ އަކީ ރާއްޖޭގެ ޤައުމީ މަންހަޖުގައި ހިމެނޭ މަޖުބޫރު މާއްދާއަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ 4 މަޝްރޫޢެއްގެ ނިމުން ފާހަގކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އަންނަ ރިޔާސީ ދައުރުގައި އެމަނިކުފާނުގެ ތަޢުލީމީ ދާއިރާގެ ބައެއް ތަޞައްވުރު ހާމަކުރައްވާފައެވެ. އެގޮތުން އަންނަ އަހަރު އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ )އައިސީޓީ( އަކީ ޤައުމީ މަންހަޖުގައި ހިމެނޭ މަޖުބޫރު މާއްދާއަކަށް ހައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ މަންހަޖުގައި އައިސީޓީ ހިމެނުމުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަޢުލީމީ މަންހަޖުތަކާ ވާދަކޮށް ދިވެހި ދަރިވަރުންނަކީވެސް އެދާއިރާއިން ހުނަރުވެރި ކާމިޔާބު ބަޔަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އައްޑޫސިޓީއަކީ ފުންނާބުއުސް ތަޢުލީމީ ޚިދުމަތްތެރި ބަޔަކު ތިބި ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބޭރު ޤައުމުތަކުން ތަޢުލީމް ޙާސިލްކުރުމަށްދޭ ސްކޯލާޝިޕްވެސް އަންނަ ރިޔާސީ ދައުރުގެތެރޭގައި މިހާރަށްވުރެ އިތުރުކުރައްވާނެކަމަށެވެ. އެގޮތުން މިހާރަށްވުރެ ދެގުނަ އިތުރުކޮށް ގިނަ ފުރުސަތުތަކެއް މަތީތަޢުލީމްގެ ދާއިރާއިން ހޯއްދަވައިދެއްވާނެކަން ރައީސް އިޢުލާންކުރެއްވިއެވެ.

އައްޑޫސިޓީ ހިތަދޫގައި އަވިން ހަކަތަ އުފައްދާ ނިޒާމްގެ ޚިދުމަތް އިފްތިތާޙްކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ ހަކަތައިން ކަރަންޓު އުފައްދާ ނިސްބަތް 50 އިންސައްތައަށް އިތުރުކުރައްވާނެކަމަށެވެ.

ރައީސް ޔާމިންގެ ވާހަކަފުޅުގައި ވަނީ، މިހާތަނަށް އައްޑޫސިޓީއަކީ ސިޓީއެއްގެ ދަރަޖަ ދެވިފައިވާ ތަނަކަށް ވީނަމަވެސް ފޮތުގައި ނުވަތަ ޤާނޫނުގައި ސިޓީއެއްގެ ދަރަޖަ ދިނުންފިޔަވައި ސިޓީއެއްގެ އެއްވެސް ފަސޭހައެއް އައްޑޫގެ ރައްޔިތުންނަށް ހޯދާދީފައިނުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަ ނިޒާމް ޤާއިމްކޮށްފައިނުވާއިރު ގިނަ މަގުތައްވެސް ރަނގަޅުފެންވަރަކަށް ހަދާފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް މިސަރުކާރުން އައްޑޫސިޓީ ހަޤީޤީ ސިޓީއަކަށް ހައްދަވާނެކަމަށާއި، އެގޮތުން އެފަދަ ޚިދުމަތްތައް އައްޑޫގައި މިހާތަނަށްވެސް ޤާއިމްކޮށްދިނީ މިސަރުކާރުންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އައްޑޫސިޓީގެ ތަރައްޤީއަށް އެމްޑީޕީގެ ސަރުކާރުގައި ހޭދަކޮށްފައިވަނީ 445 މިލިއަން ރުފިޔާކަމަށާ، އެހެންނަމަވެސް މިސަރުކާރުން މިހާތަނަށް 2.2 ބިލިއަން ރުފިޔާ އައްޑޫސިޓީގެ ތަރައްޤީއަށް ހޭދަކޮށްފައިވާކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް މިހާތަނަށް ހިންގި އެއްވެސް މަޝްރޫޢެއްގައި އެމްޑީޕީގެ އެއްވެސް މެންބަރެއްގެ ހިއްސާއެއް ނޯންނާނެކަމަށާ، ކުޑަމިނުން އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭ ބަޖެޓަށް އިދިކޮޅު މެންބަރަކު ވޯޓުވެސް ދީފައިނުވާކަމަށެވެ.
އައްޑޫސިޓީ ހިތަދޫގައި ބޭއްވި މި ރަސްމިއްޔާތުގައި އެސިޓީގެ އެތައް ސަތޭކަ ބަޔަކުވަނީ ބައިވެރިވެފައެވެ.