ހަމައެކަނި އިދިކޮޅު އެމްޑީޕީއާއި އެޕާޓީގެ މަސްލަޙަތުގައި ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރުވެފައިވާ ރާއްޖެ ޓީވީން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެއަރ ޓައިމް ސްލޮޓް ނުދީ ފަސްޖެހެނީ ދިވެހިރައްޔިތުންނަށް އެމަނިކުފާނުގެ ފާގަތި މެނިފެސްޓޯ ވާސިލުވުން ހުއްޓުވުމަށްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބުނެފިއެވެ.
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙުމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ މިފަދަ ޢަމަލުތަކުގެ ސަބަބުން ރައީސް ޔާމީން ދިވެހި ޤައުމަށް ގެނެސްދެއްވާ ތަރައްޤީއާއި އެމަނިކުފާނުގެ ތަޞައްވުރު އެއްވެސް މަޑުޖެހުމެއް ނާންނާނެކަމަށެވެ. ނިހާން ވަނީ ރާއްޖޭގައި ގިނަ މީޑިއާތަކެއް މިހާރު މަސައްކަތްކުރަމުންދާއިރު އެ ޗެނަލްތަކުން އެއަރޓައިމް ވިއްކާއަގުތަކަށްވުރެ މާބޮޑު އަގެއްގައި ރާއްޖެ ޓީވީއިން ޕީޕީއެމްއަށް ޓައިމް ސްލޮޓް ވިއްކުމަކީ، މިކަމުގެ ބޮޑު ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ރިޔާޒް ރަޝީދް ވިދާޅުވީ އެޕާޓީގެ ކެމްޕޭން ޙަރަކާތްތަށް ބަރު ސްޕީޑްގައި ކުރިއަށް ދާއިރު މިމަހުގެ ސޯޅަ، ސަތާރަ ، އަށާރަ މިދުވަސްތަކުގައި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެމްބަރުން އެއްކޮށް މާލޭގައި ޚާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ރާވާފައިވާކަން ޢިއުލާންކުރައްވާފައެވެ. ރިޔާޒްވަނީ ތ.އަތޮޅުގައި ޕީޕީއެމްއިން ކުރިއަށްގެންދާ ހަރަކާތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރިޔާޒް ރަޝީދުވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ޕީޕީއެމްގެ ސަޕޯޓަރުންގެ އަސްލު ސައިޒު ދައްކާލުމަށް ބާއްވާ ޖަލްސާއަށް ގިނަ ތައްޔާރީތަކެއް ވަމުންދާކަން ހާމަކުރައްވާފައެވެ.