ޚަބަރު

ރައީސް ޔާމީން ސ. ހުޅުމީދޫގައި ހިންގި 5 މަޝްރޫޢެއްގެ ނިމުން ފާހަގަކުރައްވައިފި


ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، އަައްޑޫސިޓީގެ ހުޅުމީދޫއާއި ހުޅުދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ 5 މަޝްރޫއެއްގެ ނިމުން ފާހަގަކުރައްވައިފިއެވެ.

ރައީސުލްޖުމްހުރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ، އައްޑޫސިޓީއަށާއި ފުވައްމުލައް ސިޓީއަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވެ. ރައީސް ޔާމީން ވަނީ ހުޅުމީދުއާއި ހުޅުދޫގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ހައުސިން ޔުނިޓްތަކާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ވެސް ހުޅުއްވައިދެއްވާފައެވެ.

ހުޅުމީދޫގައި ޤާއިމްކުރި ފެނުގެ ވިއުގައިގެ ދިގުމިނުގައި 24.80 މީޓަރު ހުރިއިރު މި މަޝްރޫޢު ހުޅުވުމާއެކު ހުޅުމީދޫގައި ޒަމާނީ ފެންވަރަށް ފެނުގެ ޚިދުމަތް ޤާއިމްވެ 589 ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެނުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި 500 ޓަނުގެ ޑީސެލިނޭޝަން ޕްލާންޓް ބަހައްޓާފައިވާއިރު 250 ކިއުބިކް މީޓަރ ޓަނުގެ ތާނގިއެއްވެސް ވަނީ ބަަހައްޓާފައެވެ.

ސ.ހުޅުމީދޫެގައި ފެނުގެ ނިޒާމް ޤާއިމްކޮށްފައިވާއިރު މުޅި އައްޑޫސިޓީގެ ފެނުގެ ނިޒާމާށް ސަރުކާރުން ވަނީ 44600489.46 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މިއަދު އިފްތިތާހު ކުރެވުނު ހުޅުދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ފަންސާސް ހަ މިލިަޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޯށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓާރނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން މިރަށުގައި 6 ޕަމްޕް ސްޓޭޝަން ބަހައްޓައި 17.3 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ރަށުގެ 616 ގެއަށް ވަނީ މި ޚިދުމަތް ފޯރުކޮށްދެއެވެ.
ހުޅުދޫގެ ގިރާ ޞަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. ދަޢުލަތުގެ ބަޖެޓުން ސައުވީސް މިލިއަނަށް ވުރެ ގިނަ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުދޫގެ ދެކުނު ފަރާތު ގިރާ ޞަރަޙައްދުގައި 1300 މީޓަރު ދިގުމިނުގެ ބޮޑު ހިލައިގެ ތޮއްޓެއް ޤާއިމްކޮށް މި ސަރަޙައްދު ވަނީ ހިމާޔާތްކޮށްފައެވެ.