ޚަބަރު

ޓްރަމްޕްގެ ނުރައްކާތެރި ރިޔާސީ ޢަމުރެއް


އެމެރިކާގައި ބާއްވާ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ޤައުމުތަކާއި ޢާއްމު ފަރުދުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރިޔާސީ ޢަމުރެއް ނެރުއްވައިފިއެވެ.

އެމެރިކާގެ ރައީސް ސޮއިކުރައްވާފައިވާ މި ޢަމުރުގައި ވަނީ އެމެރިކާގެ އިންތިޚާބީ އޮނިގަނޑަށް އެއްވެސް ނުފޫޒެއް ފޯރުވުމަށް ނުވަތަ އެމެރިކާއާ ދެކޮޅަށް ޕްރޮޕަގެންޑާ ފެތުރުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރޭތޯ ބެލުމަށް މިކަންކަން ރަނގަޅަށް ވިލަރެސްކުރުމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އިރުޝާދު ދީފައެވެ.

މި ޢަމުރުގައި އެމެރިކާގެ ރައީސް ވަނީ މިފަދަ ކަންކަމުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ހުރަސްތައް އެޅުމަށް ވެސް ޢަމުރުކުރައްވާފައެވެ. އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާގެ އިސްވެރިޔާ ޑޭން ކޯޓްސް ވިދާޅުވީ، މި ރިޔާސީ އަމުރަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒުފޯރުވުމަށް މަސައްކަތްކުރުމުގެ ސަބަބުން މިކަމުގެ ރައްދުގައި އެޅި ފިޔަވަޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ، 2016 ވަނަ އަހަރުގެ އިންތިޚާބުގައި ދިމާވި އެކި މައްސަލަތަކަށްވެސް އެމެރިކާގެ އޮފިޝަލުން ބޭނުންވަނީ މިކަމުގައި އެޅޭނެ ހުރިހާ ފިޔަވަޅެއް އެޅުމަށްކަމަށެވެ.