ޚަބަރު

ކޯލިޝަންގެ ސަރުކާރެއްގައި މިނިސްޓްރީތައް ބަހާނެގޮތެއް ނޭގި، އިދިކޮޅު ކޯލިޝަން އޮތީ ކޯޅުމެއްގައި- މިނިސްޓަރ ސަޢީދު


އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި މިނިސްޓްރީތައް ބަހާނެ ގޮތަކާމެދު އެފަރާތްތަކުން ތިބީ މާޔޫސްވެފައި ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙީމް މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި މ. ނާލާފުއްޓަަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ އިންތިޚާބު މިހާ ގާތްވެފައި ވަނިކޮށް އިދިކޮޅު ފަރާތްތަކުން ބަލި ޤަބޫލުކޮށްގެން އުޅޭ މަންޒަރު ސޯޝަލް މީޑިއާއިން ފެންނަމުންދާ ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން މިހާރުވެސް އުޅެނީ، އެ ފަރާތްތަކުގެ ސަރުކާރެއްގައި މިނިސްޓްރީތައް ބަހާނެ ގޮތެއް ނޭނގި ވަރަށް ބޮޑު ޚިޔާލުތަފާތުވުންތަކެއްގެ ތެރޭގައި ކަމަށެވެ.

"ޤާސިމް އިބްރާހިމް ބޭނުންވަނީ ޓޫރިޒަމް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ. އެކަމަކު އިބޫ ބޭނުމެއް ނުވޭ މި މިނިސްޓްރީތައް މިގޮތަށް ހަވާލުކުރާކަށް. މި މައްސަލާގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފަ މިއޮތީ." މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން މ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ނާލާފުއްޓަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރައީސްގެ އަނބިކަނބަލުން ވަނީ އެކަމަނާއަށް މަރުޙަބާ ކިއުމަށް ބަނދަރު ސަރަހައްދަށް ޖަމާވި ރައްޔިތުންނާ ބައްދަލުކުރައްވާ ސަލާންކުރައްވާފައެވެ. އަދި ނާލާފުށީގައި ދިރިއުޅޭ ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި، ކަނބަލުންނާއި އިސްރައްވެހިންގެ އިތުރުން ރަށުގެ ޒުވާނުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އެކަމަނާ ވަނީ އަޑުއައްސަވާފައެވެ.

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން އެކި ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީ ދޮށީ ޢުމުރުގެ ރައްޔިތުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ޢާއްމުރައްޔިތުންގެ ޙާލުއަޙްވާލު ބެއްލެވުމަށް އެކަމަނާ ކުރައްވާ ޚާއްސަ މަސައްކަތްޕުޅުގެތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.