ޚަބަރު

ޕީއެސްއެމްގެ މީޑިޔާ ސެންޓަރުތަކުގެ ނޫސްވެރިންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިމިއްޖެ


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން އަތޮޅުތަކުގައި ހިންގާ މީޑިޔާ ސެންޓަރުތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ޚާއްޞަކޮށްގެން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއާއި މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓު ގުޅިގެން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 18 ނޫސްވެރިން ބައިވެރިވިއެވެ. މި ޕްރޮގްރާމުގެ ބައިވެރިންގެ ތެރޭގައި ގިނައީ އަލަށް ނޫސްވެރިކަމާއި މީޑިޔާގެ ދާއިރާއަށް ތައާރަފްވާ މުވައްޒަފުންނެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީންގައި ނޫސްވެރިންނަށް ވަނީ ވީޑިއޯ ކުރުމާއި ވީޑިއޯ އެޑިޓް ކުރުމުގެ އިތުރުން ޚަބަރު ލިޔާނެގޮތް ދަސްކޮށްދީފައެވެ.

ތަމްރީން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއަރޒް، ފަޔާޒް ޔޫސުފް ވިދާޅުވީ މީޑިއާ ސެންޓަރުތަކަކީ އަތޮޅުތެރޭގެ ޚަބަރުތައް ގެނެސްދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ބައެއް ކަމަށާއި އެތަންތަން ވަރަށް ބޮޑަށް އެކްޓިވްވާންޖެހޭ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ މިހާރު އެތަންތަނުގައި ހުރި ވަސީލަތްތައް ތަރައްޤީކޮށް އެތަންތަނުގައިތިބޭ މުވައްޒަފުންވެސް ކުރިއެރުވުން ކަމަށެވެ.

"އަތޮޅު ތެރޭގައި ހުރި މީޑިޔާ ސެންޓަރުންތައް ވަރަށް ބޮޑަށް އެކްޓިވް ވާންއެބަޖެހޭ. އެތަންތަން މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު ވިހާވެސް ގިނައިން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް. އެމަސައްކަތް އަޅުގަނޑުމެން މިކުރަނީ. ކުރިއަށް އޮތްތަނުގައި ހުރިހާ މީޑިޔާ ސެންޓަރުތައްވެސް އެކްޓިވްވާނެ." ފަޔާޒު ވިދާޅުވިއެވެ.

ޕީއެސްއެމް އަތޮޅު ބިއުރޯތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމާއިބެހޭ ގޮތުން ޑެޕިއުޓީ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއަރޒް، ޙަސަން ޒިޔާޢު ވިދާޅުވީ މިއީ އަތޮޅު ބިއުރޯތައް އަލުން ހުޅުވާ ބިއުރޯތައް މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބޭއްވި ތަމްރީނެއްކަމަށެވެ.

"މި ޕްރޮގްރާމަކީ ބިއުރޯތައް އަލުން ހުޅުވާ، ބިއުރޯތައް މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު ގެނެސްދޭން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ދަށުން ބޭއްވި ތަމްރީނެއް. މީގަ ބޮޑަށް މިކިޔައިދިނީ ބިއުރޯގަ ހުރެގެން މިކޮޅަށް ޚަބަރާއި މަޢުލޫމާތު ފޮނުވަން ބޭނުންވާ އަސާސީ ކަންކަން. މިސާލަކަށް ވީޑިއޯކުރުމާއި އެޑިޓްކުރުމާއި ޚަބަރު ލިޔުން ކަހަލަ ކަންކަން. ކުރިއަށް އޮތް ތަނުގައި އިތުރު ޕްރޮގްރާމްތައް ހިންގާ، އިތުރު އަތޮޅުތަކުގައި އަޅުގަނޑުމެން ބިއުރޯތައް ހުޅުވާނަން." ޒިޔާޢު ވިދާޅުވިއެވެ.

މިހާރު 6 އަތޮޅެއްގައި ހުރި ޕީއެސްއެމްގެ މީޑިޔާ ސެންޓަރުތަކަށް ބޭނުންވާ މުވައްޒަފުން ނަގާ އެތަންތަނުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ތެރޭގައި ހދ. އަތޮޅާއި ހއ. އަތޮޅާއި ބ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ މިޑިޔާ ސެންޓަރުތައް ހިމެނެއެވެ.