ޚަބަރު

ދުނިޔޭގައި ހައިހޫނުކަން ތަހައްމަލުކުރަންޖެހޭ އާބާދީ އިތުރުވަނީ- އެފް.އޭ.އޯ


ހައިހޫނުކަން ތަހައްމަލްކުރަންޖެހޭ މީހުން ދުނިޔޭގައި އިތުވަމުންދާކަމަށް އދ. ން ބުނެފިއެވެ.
ކާބޯތަކެއްޗާ އަދި ދަނޑުވެރިކަމާބެހޭ އދގެ ޖަމްއިއްޔާ އެފް.އޭ.އޯއިން ބުނީ ހައިހޫނުކަން ތަހައްމަލުކުރާ މީހުން ދުނިޔޭގައި އިތުވަމުންދާއިރު މާގިނައިން ކެއުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މީހުންގެ ޢަދަދުވެސް އިތުރުވަމުންދާކަމަށެވެ.

ހައިހޫނުކަން ތަހައްމަލްކުރަންޖެހުނު މީހުންގެ އަދަދު މިދިޔައަހަރު 821 މިލިޔަނަށް އަރާފައިވާއިރު މިއީ އޭގެ ކުރީ އަހަރު ހައިހޫނުކަން ތަހައްމަލް ކުރި މީހުންނަށްވުރެ ބޮޑު އަދަދެއްކަން އެފް.އޭ.އޯއިން ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވެއެވެ. ހައިހޫނުކަން ތަހައްމަލްކުރަންޖެހޭ މީހުންގެ ބޮޑު ބައެއް އެކުލެވިފައިވަނީ، އެފްރިކާ އާއި އޭޝިޔާ އާއި ލެޓިން އެމެރިކާގެ މަދު ޤައުމުތަކެއްގެ އާބާދީތަކެއްގެ މައްޗަށެވެ.

އެފްރިކާގައި ހައިހޫނުކަން ތަހައްމަލްކުރަންޖެހޭ މީހުންގެ ޢަދަދު ގިނަވަނީ ހަނގުރާމަތަކުގެ ސަބަބުންނާއި، ހަނަފަސްކަން އާންމުވުމުން ކަމަށް އެފް.އޭ.އޯއިން ބުނެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ކެއުމުގެ ސަބަބުން ތަފާތު ބަލިތައް ޖެހުނު މީހުންގެ އަދަދު މިދިޔަ އަހަރު 672 މިލިޔަނަށް އަރާފައިވާކަންވެސް އެފް.އޭ.އޯގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.