ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއިން ކުނިއުފުލާ ކޮޅުވެއްޓިއެއް ފޮނުވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޝިފާއު ވިދާޅުވީ ކުޅުދުއްފުށީގައި ކުނީގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި މިދިޔަ އޮގަސްޓްމަހު ވެމްކޯގެ ޓީމެއް ކުޅުދުއްފުއްޓަށް ގޮސް ދިރާސާތަކެއް ކޮށްފައިވާކަމަށެވެ. އަދި އެރަށު ކުނިގޮނޑުގައި ކުނި ގިނަވެފައިވާކަން ވެމްކޯގެ ޓީމަށް ފާހަގަކުރެވިފައިވާތީ ކުނިގޮނޑު އެއްކޮށް ސާފުކުރުމަށްފަހު ވެމްކޯގެ އޮޕަރޭޝަންތައް އެރަށުގައި ފެށުމަށް ނިންމާފައިވާކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
އެގޮތުން ކުޅުދުއްފުއްޓަށް ފޮނުވި ކޮޅުވެއްޓި ބޭނުންކޮށްގެން ކުރިއަށްއޮތް 2 މަސްދުވަހުގެތެރޭގައި ކުޅުދުއްފުށީގެ ކުނިގޮނޑު އެއްކޮށް ސާފުކުރެވޭނެކަމަށް ވެމްކޯއިން ބުނެއެވެ.
މިދިޔަ އޮގަސްޓު މަހު ރައީސް ޢަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެން އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯގެ އޮޕަރޭޝަންސްތައް އެރަށުގައި ފަށާނެކަމަށް ވިދާޅުވެފައެވެ. މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ކުޅުދުއްފުށީ ކުނީގެ ޙާލަތު ދިރާސާކޮށް ކުނީގެ ސައިޒް ބަލައި ނިިމިފައިވާކަމަށާއި، ވަރަށްއަވަހަށް އެރަށުގައި ވެމްކޯގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީތަކާއި ވެހިކަލްތައް ފޮނުވާނެކަމަށެވެ.
ވެމްކޯއިން ކުޅުދުއްފުށީގައި އޮޕަރޭޝަންތައް ފެށުމާއެކު އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ އެއްކޮށް ހައްލުވާނެކަމަށް ވެމްކޯއިން ބުނެއެވެ.