ޚަބަރު

ރައީސް ޔާމީންގެ ތަރައްޤީގެ ސްޕީޑާއި އެއްހަމައެއްގައި އިދިކޮޅު ކެންޑިޑޭޓަށް ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ - މިނިސްޓަރ ސަޢީދު

ރައީސް ޔާމީން ދިވެހިރާއްޖެ ތަރައްޤީކުރައްވަމުންދާ ސްޕީޑާ އެއްހަމައަށް މި ޤައުމު ތަރައްޤީކުރުމުގެ ހިތްވަރެއް އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ކިބައިގައި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިޤްތިޞާދީ ތަޞައްވުރާއި، މި ޤައުމުގެ ތަރައްޤީއަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ތާރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ އިޤްތިޞާދުފު ޅާވެ، ތަރައްޤީވަމުން މިދަނީ އެއްވެސް ދިވެއްސަކު އުއްމީދުވެސް ނުކުރާހާ ހަލުވިމިނުގައިކަމަށެވެ.

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރ ސަޢީދު ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ ގާތްގަނޑަކަށް 13 މަސް ދުވަހުގެ މަސައްކަތުން ކަމަށެވެ. އަދި އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ މިންގަނޑުތަކަށް ފެތޭނެހެން ކޯޑް-އެފްގެ ފެންވަރުގައި ތަރައްޤީކޮށްފައި މި ރަންވޭއަކީ ރާއްޖެހިމެނޭ ސަރަޙައްދުގައިވެސް މިވަގުތު އެންމެ ކޮލެޓީ ރަންވޭކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، އެ ދާއިރާއަށް 50000 އެނދު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހަޤީޤީ ފެށުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ކުރިމަތީގައި ކިތަންމެ ވަޢުދުތަކެއްވި ނަމަވެސް، ރައީސް ޔާމީންގެ ތަރައްޤީގެ ސްޕީޑާއި އެއްވަރަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ހިފަހައްޓާނުލެވޭނެކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 13 މަހުގެ މަސައްކަތުން އައު ރަންވޭ ނިންމާލާފައި މިއޮތީ. މިއީ ވަރަށްބާރު ސްޕީޑުގައި ވަރަށް ހައި ސްޓޭންޑެޑްގައި ނިމިފައޮތް މަސައްކަތެއް. ރައީސް ޔާމީންގެ ޓޫރިޒަމް އެކްސްޕޭންޝަން ޕްލޭންގެ ދަށުން 50000 އެނދު ދިވެހިރާއްޖެއަށް މުޅިން އަލަށް ގެންނަން މިކުރައްވާ މަސައްކަތުގެ ހަޤީޤީ ފެށުމަކީ މި ރަންވޭ. މިތަނުގެ ސަބަބުން ރާއްޖެއަށް އެންމެބޮޑެތި މަތިންދާ ބޯޓުފަހަރު ޖައްސާނީ. މިތަނުގެ ސަބަބުން ޓޫރިސްޓުން ދިވެހިރާއްޖެއަށް ފޮނުވާ ޤައުމުތަކުގެ މެދުގައި ރާއްޖެއާމެދު އޮންނަ އިތުބާރު ބޮޑުވެގެންދާނީ. މިއީ ރާއްޖޭގައި ހިންގުނު އެންމެޝަރަފުވެރި އެއްމަސައްކަތް. މިއީ ރައީސް ޔާމީންގެ ސްޕީޑުގެ ތަފާތަކީ، މި ސްޕީޑުގައި އަޅުގަނޑު މިދަންނަވަނީ އިބްރާހީމް މުޙައްމަދު ޞާލިޙަކަށް ނުހިފެހެއްޓޭނެ."

މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިނދަޖައްސާލާ، ރާއްޖެ ބަދުނާމުވާގޮތަށް ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ފަރާތްތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ސަޢީދު ވިދާޅުވީ، ދިވެހި ރައްޔިތަކަށްވެހުރެ، ޤައުމަށް ވެވޭނެ އެންމެ ބޮޑު ހިޔާނާތަކީ އަމިއްލަ ޤައުމުގެ ޝަރަފާއި ގަދަރު ބޭރު ދުނިޔޭގެ ކުރިމަތީގައި ވައްޓާލުންކަމަށެވެ. އަދި ފާޅުކަން ބޮޑުގޮތެއްގައި ރާއްޖޭގެ އަގުވައްޓާލުމަށް މަސައްކަތް ކުރަމުންދާ ފަރާތްތައް، އެ މަސައްކަތް ކުރަމުންދަނީ ހަޤީޤަތުގައިވެސް ހަމަ ހޭގައި ތިބެގެންތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ.

"ދިވެހިރައްޔިތުންނާއި މުޅިދައުލަތް ފަޚުރުވެރިވާ ބިނާއެއް އަޅުގަނޑުމެންގެ މި އެއަރޕޯޓަކީ. މިތަނުގެ އަގުވައްޓާލަން އިންޓަރނޭޝަނަލް އައިކާއޯ، އަޔާޓާ އަދި އެއަރލައިންތައް ޓެގްކޮށްފައި ބައެއް ފަރާތްތަކުން ހަޤީޤަތާ ޚިލާފު ވާހަކަދައްކާއިރު، މިކުރެވެނީ ކިހާވަރެއްގެ ވިޔާނުދާކަމެއްކަން އަމިއްލައަށް އިޙްސާސްނުވަނީބާއޭ ސުވާލުކޮށްލަން ބޭނުން. ދިވެހި ޕާސްޓްޕޯޓު އޮވެ، ދިވެހިރައްޔިތެއްގެ ގޮތުގައި ހުރެ ދިވެހިރާއްޖޭގެ އަގުވައްޓާލާ، ރާއްޖެ ބޮއިކޮޓްކުރަން ގޮވާލާ، ދިވެހިރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާއިރު، މިކުރެވޭ ކަންކަމާމެދު ވިސްނާލަންޖެހޭ. މިހަޤީޤަތުގައިވެސް ވަރަށް ވިޔާނުދާ އަމަލުތަކެއް."

މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދުނިޔޭގެ އެންމެ ބޮޑެތި ޕަސެންޖަރ އެއަރލައިންތައް އޮޕަރޭޓްކުރަން ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން ލިބިގެންދާނެކަމަށް ބުނެ ދެކެވޭ ވާހަކަތަކަށްވެސް މިނިސްޓަރ ސަޢީދު ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ދުނިޔޭގެ މަޝްޙޫރު އެއަރލައިންތަކުން، އެމީހުން ދަތުރުކުރާނެ މަންޒިލްތައް ކަނޑައަޅާނީ އެތަނެއްގެ ފެންވަރާއި، ކޮލެޓީއަށް ބެލުމަށްފަހުކަމަށާއި، އައު ރަންވޭއާއެކު އެއަރލައިންތަކަށް އެމީހުންގެ ކެރީން ކެޕޭސިޓީ އިތުރުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށެވެ.

ހަމައެހެންމެ އެއަރޕޯޓުގެ ޕާކިން ކެޕޭސިޓީ ދެގުނަ ބޮޑުވެގެންދާއިރު، ޕްރައިވެޓް ޖެޓްތަކަށްވެސް އައިސް ފަސޭހަކަމާއެކު ޕާކުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށާއި، އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާއެކު ސީދާގޮތުންނާއި ނުސީދާގޮތުންވެސް ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.