ޚަބަރު

ހަމަނުޖެހުން ހިންގަން ބާރުއަޅާ ބަޔަކަށް ޝަރަފުވެރިން ތާޢީދުކުރުމުން ސުވާލު އުފެދޭ- ރައީސް


މީހުންގެ މުދަލަށް ގެއްލުންދީ ޖިނާޢީ ކުށްތަކަށް އަރައިގަންނަމުން ދިޔައިރު އެކަމާ އަޅާނުލާ ތިބި ބަޔަކަށް ޤައުމުގެ ޝަރަފުވެރިންގެ ތެރެއިން ބަޔަކު ތާއީދުކުރަމުންދާތީ، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފާޑުވިދާޅުވެއްޖެ.

އެންމެނަށް ހިޔާ ޔަގީން މިނަމުގައި ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގެ ކުށުގެ ވެށި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން އޮތް ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން 2013 ވަނަ އަހަރާއި ހަމައަށް ޒުވާނުން ބޭނުންކޮށްގެން ކުށްތަކަށް އަރައިގަނެ، ތަފާތު މައްސަލަތައް ޤައުމުގައި އުފައްދަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން ހައްލުނުކޮށް، ޤައުމު އޮޔާދާން ދޫކޮށްލި ބަޔަކަށް ދައުލަތުގެ އިއްޒަތްދީފައިވާ ބޭފުޅުންކޮޅެއް ތަޢީދުކުރަން ނިންމީ ކޮންގޮތަކަށް ވިސްނާފަތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމުގައި ހުރި ކަންކަން ހައްލުކޮށް އަމާން ވެއްޓެއް ޤާއިމްކުރައްވަން އިސްކަންދެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 3 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ކުށްތަކަށް އަރައިގަންނަ ނިސްބަތް 35 އިންސައްތަކުޑަކުރައްވާފައިވާނޭ ކަމަށެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ސާލިޙްގެ ތައުލީމީ ސިޔާސާތުގައި އެއްވެސް އާކަމެއް ނެތްކަން ފާހަގަކުރައްވާފައެވެ.

އިދިކޮޅު ކެނޑިޑޭޓުގެ ތައުލީމީ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ މިހިނގަމުންދާ ދައުރުގައި ތައުލީމީ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ކުރިއެރުން ހޯދާފައިވާކަމަށެވެ.