ޚަބަރު

"ހިޔާ" މަޝްރޫޢުގެ ޔަޤީންކަން ދިނުމަށް ބޭއްވި ޖަލްސާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ


"ހިޔާ" މަޝްރޫޢުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދިނުމަށް ބޭއްވި ޖަލްސާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާ ބާއްވާފައިވަނީ ޒުވާނުންގެ ޝަހަރުގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.
މި ޖަލްސާ ބޭއްވި ސަރަހައްދަކީ ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ "ހިޔާ" މަޝްރޫޢުގެދަށުން 25 ބުރީގެ 62 ޓަވަރު އަޅަމުންދާ ސަރަޙައްދުގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހިޔާ ގެ މަޝްރޫޢު ނިމުމާއެކު ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ޔަޤީންވެގެންދާނެކަމަށެވެ. މީގެއިތުރުން 2030 ގެ ނިޔަލަށް 18 އަހަރުވާ ކޮންމެ ޒުވާނަކަށް 1000 އަކަފޫޓްގެ ބިމެއް ނުވަތަ ފެލެޓް ލިބިގެންދާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ހިޔާ" މަޝްރޫޢަކީ ގާތްގަނޑަކަށް 100 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ، މި ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދާއި ހަމައަށް ވާސިލްވުމަށް އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫޢު ވެގެންދާނީ ޢުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ އުއްމީދީ މަޝްރޫޢެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން އަޅާ 25 ބުރީގެ 62 ޓަވަރުގެ ތެރެއިން 16 ޓަވަރެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

"ހިޔާ" މަޝްރޫޢުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދިނުމަށް ބޭއްވި ޖަލްސާގައި ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި، ރައީސް ޔާމީނަށާއި މި ސަރުކާރަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ބައިވެރިވެފައިވެއެވެ.