ޚަބަރު

ތަރައްޤީއަށް ހިތްވަރު ދިނުމަށް ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ - ޑރ. ޝަހީމް


ރާއްޖޭގެ ތަރައްޤީއަށް ރައީސް ޔާމީން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމީ ވާޖިބެއް ކަމަށް ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ދ. ހުޅުދެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމަށް މީގެ ކުރިން ދުވަހަކު ދެކެފައިނުވާފަދަ ބިޔަ މަޝްރޫއުތައް ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށްގެންދާކަމަށާއި، މިކަން ކޮންމެ ރައްޔިތަކުވެސް ބަލައިގަންނަން ޖެހޭކަމަށެވެ. މިއާއެކު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވުމަށް ފަރުދީ ޒިންމާއެއްކަމަށް ދެކުމަށް ޑރ. ޝަހީމް ގޮވާލެއްވިއެވެ.

"މިއަދުގެ މަޝްރަޙަށް ބަލާއިރު ރައީސް ޔާމީން ރާއްޖެ ތަރައްޤީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. ބްރިޖްތައް އެޅުމާއި. އެއާޕޯޓްތައް އެޅުމާއި. އެކިއެކި މަޝްރޫއުތައް. މިއިން ޒަމާނަކު ރާއްޖޭގައި ފަށާފައިނުވާ ވަރުގެ ބޮޑެތި މުހިންމު އެތައް މަޝްރޫއެއް ރައްޔިތުންނަށްޓަކާ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޤާއިމްކޮށްދެއްވާފައި. އަދި މިހާރު ކުރިއަށްދާ އެފަދަ ބޮޑެތި މަޝްރޫއުތަކާއި އިތުރު ޕްރޮޖެކްޓްތައް ރާއްޖެ ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރެއްވުމަކީ ކޮއްމެހެންވެސް އަދާ ކުރަންޖެހޭ ޤައުމީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ހުޅުދެލީ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކުކަމާމެދު ޝައްކު ނުކުރާކަމަށެވެ. ރައީސް ޔާމީނާއި މިސަރުކާރަށް ތާއީދުކުރާ ރައްޔިތުންވެސް އިސްކަންދޭން ޖެހޭނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު މީހުންނާ ގުޅިގެން އެމީހުންގެ ވޯޓްވެސް ރައީސް ޔާމީނަށް ހޯދުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރިޔާސީ ކެމްޕެއިނަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މީދޫ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.