ޚަބަރު

"މާޒީގެ ހިތްދަތިކަމުން އަރައިގަތުމުގެ ޢަޒުމް އިންތިޚާބުގެ ވޯޓުން ދައްކާލާ"


ގދ.ތިނަދޫއަށް މާޒީގައި ދިމާވި ހިތްދަތިކަމުން އަރައިގަތުމަށް ރައްޔިތުންގެ ހިތްތަކުގައި އޮތްޢަޒުމް މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުން ދައްކާލުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ތިނަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުން ތިނަދޫގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ހަތް މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތިނަދުއަކީ ހިއްދަތި ކަންތައްތަކެއް އެއްފަހަރަށްވުރެ ގިނަ ފަހަރު މާޒީގައި އިހްސާސްކޮށްފައިވާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށެވެ. އެގޮތުން މީގެ 62 އަހަރު ދުވަހުގެކުރިން ތިނަދޫ ރައްޔިތުންނަށް އިހްސާސްކުރަންޖެހުނު ކަންކަމުން އަދިވެސް އެރައްޔިތުންނަށް އަރައިނުގަނެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ އިހްސާސްތަކުން އަރައިގަތުމަށް ތިނަދޫގެ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނީ މިސަރުކާރުންކަމަށާ، ތިނަދޫގެ ތަރައްޤީއަށް މިސަރުކާރުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ރައީސްވިދާޅުވިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ސަރުކާރުން ހިންގި އެންމެ ގިނަ އަދި އެންމެ އަގުބޮޑު ތަރައްޤީގެ މަޝްރޫޢުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ފަންސާސް އަހަރުކުރިން ފަޅުކުރި ރަށެއްގެ ސިފަ މިހާރު ތިނަދޫއިން ނުފެންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ތަރައްޤީއަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ގެނެސްދެއްވާ ތަރައްޤީކަމަށާއި ސިޔާސީ ވެރިންގެ ޖީބު ތަނަވަސްކުރުމަށް ގެންނަވާ ތަރައްޤީއެއް ނޫންކަމަށެވެ. ތިނަދޫއަށް ގެނެސްދީފައިވާ ތަރައްޤީ އަކީ ކުރީގެ ސަރުކާރުތަކަށް ނުކުރެވިހުރި ކަންތައްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތިނަދޫއަކީ އެމަނިކުފާނަށް ޚާއްޞާ އަދި ލޯބިވާ ރަށެއްކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ތިނަދުއަށް ދިމާވި ހިތްދަތިކަމުން އަރައިގަތުމަށް ރައްޔިތުން ދެއްކި އަޒުމް މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުގައި ދައްކާލުމަށް ގޮވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ސިޔާސީ ލީޑަރުންނާއި މަޖިލިސް މެމްބަރުންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އިދިކޮޅު ލީޑަރުން ދެކެވަޑައިގަންނަވާގޮތުގައި އެލީޑަރުން ކޮންމެ ކަމެއްކުރިއަސް ރައްޔިތުން ތިބެންވާނީ ޚާދިމުންގެ ގޮތުގައިކަމަށެވެ. އެއީ އެބޭފުޅުންގެ އަމިއްލަ ބޭނުންތައް ފުއްދުމަށް ކުރައްވާކަމެއްކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

ތިނަދޫގެ ހިތްދަތިކަން މިނާއިރު މިސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމަށްބަލައި ތިނަދޫއިން އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އަޣްލަބިއްޔަތު ދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.