ޚަބަރު

ތިނަދޫ އިސްލާމީ މަރުކަޒާއި، މިއުޒިއަމް ޕާކު ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގދ. ތިނަދޫގައި ސަރުކާރުން ތަރައްޤީކުރި އިސްލާމީ މަރުކަޒާއި، މިއުޒިއަމް ޕާކް ނުވަތަ އާބާދީ މައިޒާން ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ގދ. ތިނަދޫގައި ސަރުކާރުން ތަރައްޤީކުރި އިސްލާމީ މަރުކަޒަކީ މާލެ ފިޔަވާ އެހެން ރަށެއްގައި ތަރައްޤީކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މިތަނުގައި އެއްފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިނަދޫ އިސްލާމީ މަރުކަޒުގައި ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، އެޑްމިނިސްޓްރޭޓިވް އޮފީހަކާއި، މަލްޓި ޕަރޕަސް ހޯލެއްވެސް ހިމެނެއެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީމަހު ފެށި މި މަޝްރުޢުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.

ތިނަދޫ އާބާދީ މައިޒާންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މިމަޝްރޫޢުއަކީ ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެރަށުގެ ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. ވަކިވަކި 3 އިމާރާތަކަށް ހަދާފައިވާ މިއުޒިއަމް ޕާރކްގައި ދާރުލް އާސާރަކާއި، އޮޑިޓޯރިއަމަކާއި، ލައިބްރަރީއަކާއި، ލަރނިންގ ސެންޓަރަކާއި، އެކި ބޭނުންތަކަށް ޚާއްޞަ ހޯލަކާއި، ޒުވާނުންނަށް ޚާއްސަކޮށްގެން ކުޅިވަރު ކުރެވޭގޮތަށް ސްޕޯޯޓް ކޮމްޕްލެކްސްއެއްވެސް ހިމެނެއެވެ. އާބާދީ މައިޒާނުގައި ހިމެނޭ ޕާކުވެސް ތަރައްޤީކޮށްފައިވަނީ ހިތްގައިމު ސަރަޙައްދެއްގެ ގޮތުގައި އިށިނދެލައިގެން ތިބެވޭގޮތަށް ބެންޗުތަކާއެކުގައެވެ. މީގެއިތުރުން ކުޑަކުދިންނަށް ފެނުގެ އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ފަންވާރެއްވެސްވަނީ ހަދާފައެވެ.

އިސްލާމީ މަރުކަޒާއި، މިއުޒިއަމް ޕާކު މަޝްރުޢަކީ ސަރުކާރުގެ ބަޖެޓުން 60 މިލިއަނަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.